ޕާކިސްތާނުގެ އިކޮނޮމިކް އެފެއާޒް މިނިސްޓްރީގެ “އެކްސް” އެކައުންޓް ހެކްކޮށްފިއެވެ.
އެކްސް އެކައުންޓް ހެކް ކުރުމަށް ފަހު، ވަނީ ޕޯސްޓެއް ކޮށްފައެވެ. އެ ޕޯސްޓުގައި ބުނެފައިވަނީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ނުތަނަވަސްކަން ބޮޑުވެފައިވާ މި ދަނޑިވަޅުގައި ބައިނަލްއަގުވާމީ ފަރާތްތަކުން ޕާކިސްތާނަށް ލޯންތައް ދިނުމަށެވެ.
މިކަމާ ގުޅިގެން ޕާކިސްތާނުގެ އިކޮނޮމިކް އެފެއާޒް މިނިސްޓްރީން ބުނެފައިވަނީ އެކްސް އެކައުންޓް އެމީހުންގެ ބާރުގެ ދަށަށް ގެނައުމަށް ކުރަން ޖެހޭ ކަންކަން ކުރަމުންދާ ކަމަށެވެ.
އަދި އެ މިނިސްޓްރީން ބުނީ އެ އެކައުންޓްގައި އެންމެ ފަހުން ކުރި ޕޯސްޓަކީ މިނިސްޓްރީގެ ބަސް ހިމެނޭ ޕޯސްޓެއް ނޫން ކަމަށެވެ.
މޭ 7ވަނަ ދުވަހު އިސްވެ ޕާކިސްތާނަށް ޙަމަލާ ދީފައި ވަނީ އިންޑިޔާގެ އަސްކަރިއްޔާއިންނެވެ. އިންޑިއާ އިން ޕާކިސްތާނަށް ދިން ވައިގެ ހަމަލާތަކާ ގުޅިގެން އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ކުރިއަށްދާ ހަމަނުޖެހުންތައް އަދިވެސް ދަނީ އިތުރުވަމުންނެވެ.
ބޯޑަރު ކައިރީގައި ހިނގަމުންދާ ކުރިމަތިލުންތަކުގައި ދެ ގައުމުގެ ސިފައިން ވެސް ދަނީ މަރުވަމުންނެވެ.
އިންޑިޔާގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ނިރުބަވެރި ޖަމާޢަތްތަކުން ޕާކިސްތާނުގައި ހަރަކާތްތެރިވަމުންދާ ކަމަށް ބުނާ ސަރަޙައްދުތަކަށެވެ.
ކަޝްމީރުގެ ސަމްބާ ސަރަޙައްދަށް ޕާކިސްތާނުގެ ސިފައިން އެއްގަމު މަގުން އެރުމަށް މަސައްކަތް ކޮށްފައިވާ ކަމުގައި ވެސް އިންޑިޔާގެ ސަރަޙައްދީ ރޮނގު ބަލަހައްޓާ ސިފައިން ތުހުމަތު ކުރިއެވެ. އެ އޮޕަރޭޝަން ފޭލުކޮށްލާފައިވާ ކަމަށާއި، ނަމަވެސް އެ ސަރަޙައްދުގައި އޮތް އުރީއަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން އާޓިލަރީ ބަޑީގެ ޙަމަލާތައް އަމާޒު ކުރަމުންދާ ކަމުގައި ވެސް އެ ސިފައިން ވަނީ ތުހުމަތު ކޮށްފައެވެ.
ދުނިޔޭގެ ބައެއް ގައުމުތަކުން މިހާރު ދަނީ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން ހައްލު ކުރެވޭތޯ ބަލަމުންނެވެ.

