މިދިޔަމަހުގެ 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތްވާ ފެނުނު ހައްވާ ޔުމްނު ރަޝީދާއި ސުވާލު ކުރުމުގެ ފުރުސަތު ލިބިފައިނުވާ ކަަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން މިއަދު މީޑިއާ އަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ 2025 އޭޕްރިލް 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލަ ފުލުހުންނަށް ރިޕޯޓުކުރެވި، ފުލުހުން ސީންއަށް އެޓެންޑްވި ހިސާބުން ފެށިގެން ވެސް އަންހެން މީހާގެ ބަހެއް ހޯދުމަކީ ތަހުގީގަށް މުހިންމު ކަމެއްގެ ގޮތުގައި ދެކި، އެ ފުރުސަތު ހޯދުމަށް މަސައްކަތްކުރެވިފައިވާ ކަމަށެވެ.
ފުލުހުން މިހެން ބުނެފައިވަނީ، ޔުމްނުގެ އާއިލާއިން ރޭ މީޑިއާތަކަށް ދިން މައުލޫމާތުގައި، މިހާރު މެލޭޝިއާގައި ފަރުވާ ހޯދަމުންދާ ޔުމްނު ވާހަކަދައްކާފައިވާ ކަމަށް ބުނުމާ ގުޅިގެންނެވެ.
އަންހެން މީހާގެ ސިއްހީ ހާލަތު ހުރި ގޮތުންނާއި އިތުރު އެކި ސަބަބުތަކާހުރެ، އަންހެން މީހާއާ ސުވާލުކުރުމުގެ ފުރުސަތު މިހާތަނަށް ވަނީ ލިބިފައި ނުވާކަމަށާއި، އަދި އެކަން މަގުފަހިވިހާ އަވަހަކަށް ތަހުގީގުން އަންހެން މީހާއާ ސުވާލުކުރަން ބޭނުންވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ޔުމްނުގެ ދައްތަ ރޭ ހާމަކުރި މަޢުލޫމާތުގައި، ޔުމްނު ބުނީ އަމިއްލައަށް އެފަދަކަމެއް ނުކުރާ ކަމަށާއި، އަމިއްލައަށް ނުވެއްޓޭނެ ކަމަށާއި، އަދި އެ ހާދިސާ ހިނގިއިރު އެތަނުގައި ޔައްސާރު، ރައުދުގެ އިތުރުން އިތުރު ހަތަރު މީހުން ތިބިކަން ވެސް އޭނާ ވަނީ ހާމަކޮށްފައެވެ.
ޔުމްނުއާއި ހަވާލާދީ އޭނާގެ ދައްތަ ބުނީ އެގެއަކީ ކުރިން ވެސް ޔުމްނު ގޮސް އުޅުނު ގެއެއް ކަމަށާއި، އެގެއަށް ދިއުމަށް ދައުވަތު ދިނީ “ޔައްސާރު” ކަމަށެވެ. އަދި ގޭގެ ލޮކޭޝަން ފޮނުވީ ވެސް ޔައްސާރު ކަމަށާއި، ދެ ގެއަށް ވެސް ދިޔައީ ޔައްސާރު ދިން ދައުވަތަކާއި އެކީގައި ކަމަށް ވެސް ޔުމްނު އާއި ހަވާލާދީ، އޭނާގެ ދައްތަ ބުނެފައިވެއެވެ.
މިހާދިސާ ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާއްސަ ކޮމިޝަނެއްވެސް އުފައްދަވާފައެވެ.

