ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް މާދަމާ ފެށުމަށް ނިންމައިފިއެވެ.
މި ކޮންފަރެންސް ފެށުމަށް ހަމަޖެހިފައިވަނީ ވިލާ ނޯޓިކަލް މޯލްޑިވްސް ރިސޯޓުގައެވެ.
އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ފަށާ ކޮންފަރެންސް ކުރިއަށްދާނެ ކަމަށް ކޮންފަރެންސް އިންތިޒާމުކުރާ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ ބުނެފައެވެ.
މި ކޮންފަރެންސް ފެށުމަށް ބާއްވާ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ ފަސްޓް ލޭޑީ ސާޖިދާ މުހައްމަދެވެ.
ކޮންފަރެންސްގައި ކީ-ނޯޓް ސްޕީކަރުންގެ ގޮތުގައި ޑރ. މާރިޔާ އަލީ އާއި ޑރ. ޝަނޫހާ މަންސޫރު ބައިވެރިވެވަޑައިގަންނަވާނެއެވެ.
ކޮންފަރެންސްގައި ބައިވެރިވާ ބައެއް ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ޔުނިސެފް، ދިވެހި ފުލުހުންގެ ޚިދުމަތް، ޑްރަގް ކޯޓް، ނޭޝަނަލް ޑްރަގް އެޖެންސީ، ޖުވެނައިލް ކޯޓް، މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް، ވިލާ ކޮލެޖު، ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސް އާއި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއެވެ.
މި ކޮންފަރެންސްގައި އަލިއަޅުވާލާނެ ބައެއް މައްސަލަތަކަކީ ކުޑަކުދިން ކުރާ ކުށްތައް އިތުރުވާ މައްސަލަ އާއި އެ ކުދިން ރިހިބިލިޓޭޓް ކުރަން ހުރި ގޮންޖެހުންތަކާއި ކަމާ ގުޅޭ އިދާރާތަކުގެ އެއްބާރުލުން ނުލިބުމުގެ މައްސަލަތައް ކަމަށް ޕީޖީން ވަނީ ބުނެފައެވެ.
ކޮންފަރެންސްއާ ގުޅޭ ހުރިހާ މައުލޫމާތަށް ހާއްސަ ވެބްސައިޓެއް ވެސް ވަނީ ލޯންޗްކޮށްފައެވެ.

