ޑިޕަރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ދެމުން އަންނަ ޚިދުމަތްތަކުގެ ތެރެއިން، ކުށާއި ދަރަނީގެ ރެކޯޑް ސާފުކޮށްދިނުމުގެ ޚިދުމަތް އީފާސް މެދުވެރިކޮށް ހުށަހެޅޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
ޑީޖޭއޭއިން އިއްޔެ ނެރުނު އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ޚިދުމަތް އީފާސްގެ ދަށަށް ބަދަލުކޮށްފައިވަނީ ރައްޔިތުންނަށް މިހާރަށްވުރެ ފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމުގެ މަޤްޞަދުގައެވެ. މި އައު ނިޒާމަށް އަމަލުކުރަން ފަށާނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.
އީފާސް މެދުވެރިކޮށް ރެކޯޑް ސާފުކުރުމަށް އެދި ހުށަހަޅަން ޖެހޭނީ ޑީޖޭއޭއިން ތަރައްޤީކޮށްފައިވާ ޕަބްލިކް ޕޯޓަލް records.judiciary.gov.mv މެދުވެރިކޮށެވެ. އަދި ކުށާއި ދަރަނީގެ ރެކޯޑް ސާފުކުރުމަށް މިހާރު ބޭނުންކުރާ ފޯމު މެދުވެރިކޮށް ވަކިވަކި ފަރުދުން ހުށަހަޅާ ހުށަހެޅުންތައް ޖޫން 1 ވަނަ ދުވަހުގެ ފަހުން ބަލައިނުގަނެވޭނެ ކަމަށް ޑީޖޭއޭއިން ވަނީ އަންގާފައެވެ.
ނަމަވެސް، ދައުލަތުގެ އިދާރާތަކުން މި ޚިދުމަތް ހޯދުމުގައި މިހާރުވެސް އަމަލުކުރަމުންދާ އުސޫލަށް ބަދަލެއް ނާންނާނެއެވެ. އެގޮތުން، ދައުލަތުގެ އޮފީސްތަކުންނާއި ކުންފުނިތަކުން ރެކޯޑް ސާފުކުރުމަށް އެދި ހުށަހަޅާ ލިސްޓުތަކާއި ފޯމުތައް ބަލައިގަނެވޭނީ އެ އޮފީހެއް ނުވަތަ ކުންފުންޏެއްގެ ރަސްމީ ސިޓީއަކާ އެކުގައި ކަމަށް ޑީޖޭއޭއިން ވަނީ ހާމަކޮށްފައެވެ.
މި ބަދަލާ އެކު، އާންމު ރައްޔިތުންނަށް ގޭގައި ތިބެގެން ވެސް ކުށާއި ދަރަނީގެ ރެކޯޑް ސާފުކުރުމުގެ ޚިދުމަތް ލިބިގެންދާނެ އެވެ. މިއީ ޑީޖޭއޭގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތުގެ ތެރެއިން އަންނަ އިތުރު ކުރިއެރުމެކެވެ.

