މިއަދު ހަވީރު މާލޭގެ ބޮޑުތަކުރުފާނު މަގުގައި ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަޢުލޫމާތު ދިން ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ދުވާ ޓްރެކް ކައިރިން އިރުން ހުޅަނގަށް ދަތުރުކުރަމުން ދިޔަ ދެ ސައިކަލެއް ޖެހިގެންނެވެ. އެކްސިޑެންޓް ހިނގި މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ ހަވީރު 5:25 ހާއިރުގައެވެ.
ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި މި އެކްސިޑެންޓުގައި އަނިޔާވި ފަރާތަށް ފަރުވާ ދިނުމަށްޓަކައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ. ނަމަވެސް އަނިޔާވި މީހާގެ ހާލަތާ ގުޅޭ އިތުރު މަޢުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ދަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

