ފުރަގަސްފަރާތުގެ ދެ މަސްކިބަ ބެދޭ ހިސާބު (Natal cleft) ގެ މެދުގައި ހޮރުތައް އުފެދުމަށް ޕައިލޮނީޑަލް ސައިނަސް ކިޔައެވެ.
ޕައިލޮނީޑަލް ސައިނަސްއަކީ ފުރަގަސްފަރާތުގެ ދެ މަސްކިބަ ބެދޭ ހިސާބުގައި ހޮރުތައް އުފެދި، އޭގެ ސަބަބުން ޖަރާސީމު ވަދެ ދޮސްގަންނަ ބައްޔެކެވެ. މި ބަލި އެންމެ ގިނައިން ފެންނަނީ ފުރާވަރަށް އަރާ ކުދިންނާއި ޅަޒުވާން ކުދިންގެ ކިބައިންނެވެ. މި ބަލި ޖެހުމާއި ހަށިގަނޑުގެ ހޯމޯންތަކަށް އަންނަ ބަދަލުތަކާ ދެމެދު ގުޅުމެއް ވާކަމަށް ދިރާސާތަކުން ދައްކައެވެ. ސަބަބަކީ ފުރާވަރަށް އަރާ ޒުވާން ކުދިންނަށް މިބަލި ޖެހުން އާންމު ކަމަށްވާތީ އެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި، ކޮންމެ 100,000 މީހުންގެ ތެރެއިން 26 މީހަކަށް މި މައްސަލަ ދިމާވެއެވެ. އާންމުކޮށް މި ބަލި ޖެހެނީ 19 އަހަރުގެ ފިރިހެނުންނާއި 21 އަހަރުގެ އަންހެނުންނަށެވެ. މިއީ ރާއްޖޭގައިވެސް ވަރަށް އާންމުކޮށް ފެންނަ ބައްޔެކެވެ. ޚާއްޞަކޮށް ސްކޫލް ކުދިންނާއި ޒުވާނުންގެ މެދުގައި ފެތުރޭ ކަމަށް ފާހަގަކުރެވިފައިވާ ބައްޔެކެވެ.

މި ބައްޔަށް ފަރުވާ ހޯދުމުގައި ލަސްވުމުގެ ސަބަބުން ގިނަ ބަޔަކު އުނދަގޫތަކާ ކުރިމަތިލާން ޖެހެއެވެ./ ފޮޓޯ:ހެކްސާ ހެލްތު
ބަލި ޖެހުމުގެ ސަބަބުތައް؛ މި ބަލި ޖެހުމުގެ ފުރުސަތު އިތުރުވާ ސަބަބުތަކުގެ ތެރޭގައި:
- ހަށިގަނޑުގެ ބަރުދަން މަތިވުން
- ގިނައިރު އިށީދެ އިނުން
- އެ ސަރަހައްދުގައި ގިނައިން އިސްތަށި ހުރުން
- އާއިލީ ގޮތުން މި ބަލި ޖެހޭ މީހުން ތިބުން
- ހަށިގަނޑުގެ ހޯމޯންތަކަށް އަންނަ ބަދަލުތައް

ދިރާސާތަކުން ދައްކާ ގޮތުގައި، ކޮންމެ 100,000 މީހުންގެ ތެރެއިން 26 މީހަކަށް މި މައްސަލަ ދިމާވެއެވެ./ ފޮޓޯ:ހެކްސާ ހެލްތު
ބަލީގެ އަލާމާތްތައް
މި ބައްޔަށް ޚާއްޞަ އަލާމާތްތަކުގެ ތެރޭގައި އިށީނުމުން ނުވަތަ ކޮޅަށް ހުރުމުން ތަދުވުމާއި، އުނަގަނޑާ ދިމާލުން ތިރީގައި ދުޅައެއް ހުރުން ހިމެނެއެވެ. މީގެ އިތުރުން، ނޭޓަލް ކްލެފްޓްގައި ނުބައި ވަސްދުވާ ދޮހާއި ލޭ އަންނަ ބިއްސެއް ހުރުމާއި، އެ ބިހީގެ ތެރެއިން އިސްތަށީގެ އެތިކޮޅުތައް ނިކުތުން ފަދަ އަލާމާތްތައް ފެނެއެވެ.
ބަލީގެ ފަރުވާ
ޕައިލޮނީޑަލް ސައިނަސްގެ ފަރުވާ ކަނޑައެޅެނީ ބަލިމީހާގެ ޝަކުވާތަކާއި ބަލީގައި ހޭދަކޮށްފައިވާ މުއްދަތަށް ބަލައިގެންނެވެ. އެއްވެސް އުނދަގުލެއް ނުވާ މީހުންނަށް އޮޕަރޭޝަން ކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. ނަމަވެސް، އެތަން ދޮސްގަނެފައިވާ މީހުންނަށް ވީހާވެސް އަވަހަކަށް އިމަޖެންސީކޮށް ފަރުވާ ހޯދަން ޖެހެއެވެ.

މި ބައްޔަށް ފަރުވާ ހޯދުމުގައި ލަސްވުމުގެ ސަބަބުން ގިނަ ބަޔަކު އުނދަގޫތަކާ ކުރިމަތިލާން ޖެހެއެވެ./ ފޮޓޯ:ހެކްސާ ހެލްތު
ރައްކާތެރިވުމުގެ ފިޔަވަޅުތައް: މި ބައްޔަށް ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި:
- ގިނައިރު އިށީދެ ނުއިނުން
- އެ ސަރަހައްދު ސާފުތާހިރުކޮށް ބެހެއްޓުން
- ހަށިގަނޑުގެ ބަރުދަން ކޮންޓްރޯލްކުރުން
- އެކަށީގެންވާ ވަރަށް ހަރަކާތްތެރިވުން
ޕައިލޮނީޑަލް ސައިނަސްއަކީ ފަރުވާ ލިބެންހުރި ބައްޔެކެވެ. ނަމަވެސް، މި ބައްޔަށް ފަރުވާ ހޯދުމުގައި ލަސްވުމުގެ ސަބަބުން ގިނަ ބަޔަކު އުނދަގޫތަކާ ކުރިމަތިލާން ޖެހެއެވެ. އެހެންކަމުން، މި ބަލީގެ އަލާމާތެއް ފެނިއްޖެނަމަ، ވީހާވެސް އަވަހަކަށް ޞިއްޙީ ފަރުވާ ހޯދުމަކީ މުހިންމު ކަމެކެވެ.

