ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ މަސައްކަތްތައް ހިންގާނެ މަޝްރޫއު، މޯލްޑިވްސް 2.0 މިރޭ ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. މި މަޝްރޫއު ފެށުމުގެ ގޮތުން “މޯލްޑިވްސް 2.0 – ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓު” ހެންވޭރުގައި ހުންނަ ނަސަންދުރާ ބާސެލޯގައި ފައްޓަވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒެވެ.
ސަރުކާރުން މި މަޝްރޫއު އިފްތިތާޙުކުރީ ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމުގެ މަސައްކަތުގެ ފެށުމުގެ ގޮތުންނެވެ. މި މަޝްރޫއު ގެނައުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، ދައުލަތުގެ މުއައްސަސާތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމާއި، ކޮރަޕްޝަން އިންޑެކްސް، ޓްރާންސްޕެރެންސީ އިންޑެކްސް އަދި ޑިޖިޓަލް ގަވަރނަންސް އިންޑެކްސްގައި ރާއްޖޭގެ ދަރަޖަ މަތިކުރުން ހިމެނެއެވެ.
މި މަޝްރޫއަކީ ކުރިއަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި ހިންގާނެ މަޝްރޫއެއް ކަމަށް ސަރުކާރުން ބުނެފައިވެއެވެ. މި މަޝްރޫއުގެ މައިގަނޑު މަޤްޞަދަކީ ސަރުކާރު މިހާރަށްވުރެ “ސްމާޓް”ކޮށް، ހަލުވި ޚިދުމަތް ދިނުމަށާއި، ކޮރަޕްޝަން ނައްތާލައި، ދެފުށް ފެންނަގޮތަށް ޓެކްނޮލޮޖީގެ އެހީގައި ހިންގުން ބަދަލުކުރުމެވެ.
މި މަޝްރޫއުގެ ދަށުން ގެނެވޭނެ މުހިންމު ބަދަލުތަކުގެ ތެރޭގައި، ފިޒިކަލް އަދި ޑިޖިޓަލް ކިއުތަކުގެ ބަދަލުގައި މަދު ކްލިކްތަކަކުން ޚިދުމަތް ލިބޭނެގޮތަށް ޚިދުމަތްތައް ފަރުމާކުރުމާއި، ގުޅިފައިވާ ވިއުގައަކުން ޚިދުމަތް ލިބޭ ޤައުމެއްގެ ގޮތުގައި ރާއްޖެ ބަދަލުކުރުން ހިމެނެއެވެ.
މިހާރު ދައުލަތުގެ މުއައްސަސާތަކުން 200 އާ ގާތްކުރާ އަދަދެއްގެ ޕޯޓަލްތައް ބޭނުންކުރަމުން ދިޔަ ނަމަވެސް، ރައްޔިތުންނަށް އެކަށީގެންވާ ލުއިފަސޭހަކަމެއް ލިބިފައިނުވާކަން ފާހަގަކުރެވެއެވެ. މި މަޝްރޫއުގެ ސަބަބުން މި ދަތިތަކަށް ހައްލު ލިބި، ރައްޔިތުންނަށް ފަސޭހަކަމާއެކު ޚިދުމަތް ލިބޭނެ މަގު ތަނަވަސްވެގެންދާނެ ކަމަށް ސަރުކާރުން އުންމީދުކުރެއެވެ.

