ޤައުމުގެ ހިންގުމުގެ ނިޒާމުން ކޮރަޕްޝަން ނައްތާލެވޭނީ ޑިޖިޓަލައިޒް ކުރެވޭ މިންވަރަކުން ކަމަށާއި ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ މައިގަނޑު މަޤްސަދަކީ ޤައުމުން ކޮރަޕްޝަނުގެ ވަބާ ނައްތާލުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ މަސައްކަތްތައް ހިންގާނެ “މޯލްޑިވްސް 2.0” މަޝްރޫޢު ރަސްމީކޮށް އިފްތިތާޙު ކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި މަޝްރޫޢަކީ ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ވުމަށް ކުރާ ދަތުރުގެ ފެށުން ކަމަށެވެ.
އެމަނިކުފާނުގެ ތަސައްވުރަކީ 2040 ވަނަ އަހަރުގެ ކުރިން ރާއްޖެ އަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުން ކަމަށް ވިދާޅުވެ، މި އަމާޒަށް ވާސިލުވުމަށް ކުރަންޖެހޭ ގިނަ މަސައްކަތްތަކަކާއި ރަނގަޅު ކުރަންޖެހޭ ކަންކަމާއި ބަދަލު ކުރަންޖެހޭ ނުރަނގަޅު އާދަތައް ހުރިކަން ފާހަގަކުރެއްވިއެވެ.
“އަޅުގަނޑުމެންގެ ތެރޭގައި އޮތް އެންމެ ބޮޑު ވަބާ އަކީ ކޮރަޕްޝަންގެ ވަބާ. އެއީ ދެބަސް ނުވެވޭނެ ހަޤީޤަތެއް،” ރައީސް ވިދާޅުވިއެވެ. އަދި ދައުލަތުގެ ކޮންމެ ދިމާލަކަށް ބަލާލި ނަމަވެސް މި ވަބާ އޮތް މިންވަރު ފެންނަން އޮތް ކަމަށާއި، ޚާއްސަކޮށް ޚިދުމަތް ދިނުމުގައި ހުރި މައްސަލަތައް ފާހަގަކުރެއްވިއެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ އެންމެ ރަނގަޅު ނަމޫނާއެއް ފެންނަން އޮތީ އެސްޓޯނިއާއިންނެވެ. އެ ޤައުމަކީ ކޮރަޕްޝަން މަދު އަދި ނޫސްވެރިކަމުގެ މިނިވަންކަން އެންމެ ރަނގަޅު އެއް ޤައުމު ކަމަށްވެފައި، ރާއްޖެ ވެސް އެފަދަ ޤައުމަކަށް ހެދުމަކީ އެމަނިކުފާނުގެ އަމާޒެއް ކަމުގައި ވިދާޅުވިއެވެ.
“މޯލްޑިވްސް 2.0” މަޝްރޫޢުގެ ދަށުން އައިޑީކާޑުގައި ޑިޖިޓަލް ޚިދުމަތްތައް ހިމެނި، އޭގެން ބޮޑެތި ފަސޭހަތަކެއް ލިބި، ގިނަ މައްސަލަތަކަކަށް ހައްލު ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި މަޝްރޫޢު ފައްޓަވަނީ ރާއްޖެއަކީ ހުޅުވިގެންވާ، މަޢުލޫމާތު ފަސޭހައިން ލިބޭ، ޒިންމާދާރުކަމާއެކު އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދޭ ޤައުމަކަށް ހެދުމުގެ އަޒުމުގައި ކަމަށް ވިދާޅުވިއެވެ.

