ޑިޖިޓަލައިޒޭޝަންގެ ކަންކަން ފުރިހަމަވުމުން މިހާރުގެ ވޯކްފޯސްގެ ތިންބައިކުޅަ އެއްބައި ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަށް ބަދަލުކުރުމަށް އުންމީދުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވަނީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ މަސައްކަތްތައް ހިންގާނެ މަޝްރޫޢު، "މޯލްޑިވްސް 2.0" ރަސްމީކޮށް އިފްތިތާޙުކުރެއްވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. މި އަމާޒަށް ވާސިލުވުމަށް އެމަނިކުފާނު އުންމީދުކުރައްވަނީ 2028 ވަނަ އަހަރާ ހަމައަށް ދާއިރުގައި ކަމަށް ވިދާޅުވިއެވެ.
"2028 ވަނަ އަހަރު ފެށޭ ހިސާބުން މުޅި ދައުލަތުގައި މިހާރު ޚިދުމަތުގައި މަސައްކަތްކުރަމުންދާ 49,000 މުވައްޒިފުންގެ ތެރެއިން ތިންބައިކުޅަ އެއްބައި މީހުން ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން ވޯކް ފްރަމް ހޯމް — ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަކަށް ބަދަލުކުރުން،" ރައީސް ވިދާޅުވިއެވެ.
މި ބަދަލާއެކު މުވައްޒިފުން މަސައްކަތްކުރާނީ ހަފްތާއަކު ވަކި މިންވަރެއް އޮފީހުގައި ހޭދަކުރަންޖެހޭ ގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ކޮންމެހެން ނިކުންނަންޖެހޭ މުވައްޒިފުންނަށް މި ބަދަލު ނުގެނެވޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ބަދަލާއެކު ދައުލަތުގެ ޚަރަދު ކުޑަވެ، މާލެ ސަރަހައްދުގެ ތޮއްޖެހުމާއި ޓްރެފިކް މައްސަލަތައް ކުޑަވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ތިމާވެށީގެ ގޮތުން ވެސް މީގެ ފައިދާތަކެއް ކުރާނެ ކަމަށާއި، ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް އަވަސްވެ، ރައްޔިތުންގެ ޙައްޤުތައް އިތުރަށް ކަށަވަރުވެގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ

