ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ޚިޠާބުގައި، ކޮންމެ ނޭދެވޭ ކަމަކުން ދިވެހި ހުރިހާ ކުޑަކުދިން ދުރުހެލި ކުރުމަށް މިއަދު ޢަޒުމު ކަނޑައަޅަންވީ ކަމަށް ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒުގެ ޚިޠާބުގައި ދިވެހި ލޮބުވެތި ކުޑަކުދިންނަށާއި އެކުދިންގެ ޢާއިލާތަކަށް ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވަމުން، ކުޑަކުދިންގެ ދުވަހަކީ ޤައުމުގެ އަދުގެ އުފާވެރިކަމާއި މާދަމާގެ ފޮނި އުންމީދުތައް ގުޅިގެން އަންނަ ޚާއްޞަ މުނާސަބާއެއްކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ އާބާދީގެ ހަތަރުބައިކުޅަ އެއްބައި ހިއްސާކުރާ ކުޑަކުދިންނަކީ މުސްތަޤްބަލުގައި ޤައުމުގެ ކަންކަމާ ހަވާލުވާނެ ފަރާތްތައްކަން ފާހަގަކުރައްވަމުން، “ހަރުދަނާ ޖީލެއްގެ ގޮތުގައި އެކުދިން ބޮޑެތިކޮށް، ދިވެހީންގެ ސިޔާދަތާއި، ކަރާމާތާއި، ތަމައްދުން ނަގަހައްޓަން އަރަފޯދޭ ބަޔެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމަކީ، އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައި އޮތް އެންމެ އިސް ޤައުމީ ވާޖިބެއް” ކަމުގައި ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ގޭތެރެއާއި، މަގުމައްޗާއި، އަދި މިނޫން ކޮންމެ ތަނަކުންވެސް، އެކަކު އަނެކަކަށް އިޙްތިރާމް ކުރާ، އަދަބު އަޚްލާޤުން ޒީނަތްތެރިވެފައިވާ ރީތި މާޙައުލެއް ދެއްކުމަށް މަސައްކަތްކުރަންޖެހޭ ކަމަށެވެ. އަދި ޒަމާނަށް ފެތޭ، މާދަމާއަށް ބޭނުން ހިފޭނެ ތަޢުލީމާއި ތަމްރީނު ކުޑަކުދިންނަށް ހޯދައިދިނުމަކީވެސް މުހިންމު ކަމެއްކަމުގައި ފާހަގަކުރެއްވިއެވެ.
ކުޑަކުދިންނަށް އަމާޒުކޮށް ދެއްވި މެސެޖުގައި، އުމުރުގެ އެންމެ އަގުހުރި ދުވަސްތައް ބޭކާރު ނުކުރުމަށާއި، ކޮންމެ ދުވަހަކުވެސް ބޭނުންތެރި އާ ކަންކަން ދަސް ކުރުމަށް ރައީސް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ. އަދި ފަރުޟު ފަސްނަމާދު ކުރުމާއި، ދީނަށް ޙުރުމަތްތެރިކޮށް ހިތުމާއި، ދިވެހި އާދަކާދަތަކަށް އަހުލުވެރިވުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ.

