މޯލްޑިވްސް 2.0 އަކީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން ނައްތާލަން އެޅޭ އެންމެ ބޮޑު ފިޔަވަޅު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އަދި މި މަޝްރޫއު ކުރިއަށް ގެންދިއުމުގައި ސިޔާސީ އިދިކޮޅު ފަރާތްތަކުން ވެސް ޒިންމާދާރު ގޮތެއްގައި ބައިވެރިވުމަށް ގޮވާލައްވާފައިވެއެވެ.
ރައީސް މުއިއްޒުގެ ރަސްމީ އެކްސް އެކައުންޓްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މި ނިޒާމުގެ ތެރެއިން ކޮންމެ ރައްޔިތަކަށް އެ ރައްޔިތެއްގެ މައުލޫމާތު (ޑޭޓާ)ގެ ފުރިހަމަ ކޮންޓްރޯލާއި ބާރުވެރިކަން ލިބިގެންދާނެ ކަމަށެވެ. އަދި ކޮރަޕްޝަން ނައްތާލުމަށް މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެތޯ ސުވާލު އުފައްދަވާފައިވެއެވެ.
"މިއީ ރައްޔިތުން އެދޭ އަމާޒު. މި އަމާޒަށް ވާސިލްވުމަށް ކުރާ ދަތުރުގައި، އަޅުގަނޑުމެން ކުރިއަށް ދާނީ ރައްޔިތުންނާ ގާތުން، ރައްޔިތުންނާއެކު،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ މުހިންމުކަން
"ދިވެހިރާއްޖެ 2.0" ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވެފައިވަނީ، ޑިޖިޓަލައިޒޭޝަންގެ ތެރެއިން ދެފުށް ފެންނަ ނިޒާމެއް ޤާއިމުކުރެވި، ސައިބާ ސެކިއުރިޓީ ވަރުގަދަކުރެވޭނެ ކަމަށެވެ. އަދި މިހާރުގެ އައިޑީ ކާޑު ސްމާޓް، ޑިޖިޓަލް ކާޑަކަށް ބަދަލުކޮށް، އެ ކާޑުން ހުރިހާ ޚިދުމަތެއް ލިބޭނެ ގޮތް ހަދާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ނަމަވެސް، ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ "މޯލްޑިވްސް 2.0" އަކީ އިލެކްޓްރޯނިކް ވޯޓިން ތައާރަފްކުރުމަށް ކުރާ ކަމެއް ކަމަށް ސިފަކުރައްވައި ފާޑުވިދާޅުވެފައެވެ. މި ވާހަކައަށް ރައްދު ދެއްވަމުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވަނީ މިއީ އީ-ވޯޓިންގ އާ ގުޅުންހުރި ކަމެއް ނޫން ކަމަށެވެ.

