ޙައްޖުވެރިންނަށް ފަސޭހަކޮށްދިނުމަށް ފަށާފައިވާ މައްކާ ރޫޓް އިނިޝިއޭޓިވްގައި ދިވެހިރާއްޖެ ހިމެނުމަށް ސަޢޫދީ އަރަބިއްޔާއިން ނިންމައިފިކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހާމަކުރައްވައިފިއެވެ.
މި އިނިޝިއޭޓިވްގެ ދަށުން، ދެ ގައުމުގެ އިމިގްރޭޝަނުން ކުރަންޖެހޭ އެންމެހައި ކަންކަން ދިވެހިރާއްޖޭގެ އެއަރޕޯޓުގައި ތިބެގެން ފުރިހަމަކުރުމަށްފަހު ހައްޖަށް ފުރުމުގެ އިންތިޒާމު ހަމަޖެހޭނެއެވެ. މީގެ ސަބަބުން ޖިއްދާ އެއަރޕޯޓުގައި މަޑުނުކޮށް ސީދާ ހޮޓަލަށް ދެވޭނެކަމަށާއި، ލަގެޖުތައްވެސް ސީދާ ހޮޓަލަށް ގެންދެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
“މިއީ ރާއްޖޭގެ ޙައްޖުވެރިންނަށް ލިބިގެންދިޔަ ތާރީޚީ ވަރަށް ބޮޑު ފަސޭހައެއް. ސަޢޫދީ އަރަބިއްޔާއިން މި ފުރުޞަތު މިހާތަނަށް ދީފައިވަނީ މެލޭޝިއާ، އިންޑޮނޭޝިޔާ، ޕާކިސްތާނު ފަދަ ހައްޖުވެރިން އެންމެ ގިނަ ޤައުމުތަކަށް،” ޑރ. ޝަހީމް ވިދާޅުވިއެވެ.
މި ފުރުޞަތު ދިވެހިރާއްޖެއަށް ފަހިކޮށްދެއްވީތީ ސަޢޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒާއި ވަލީޢަހުދު އަލްއަމީރު މުޙައްމަދު ބިން ސަލްމާނަށް ވަޒީރު ޝުކުރު އަދާކުރައްވާފައިވެއެވެ. އަދި ސަޢުދީ ޢަރަބިއްޔާގެ ޙައްޖު މިނިސްޓަރާއި އިންޓީރިއާ މިނިސްޓަރަށްވެސް ޝުކުރު އަދާކުރައްވާފައިވެއެވެ.
މައްކާ ރޫޓް އިނިޝިއޭޓިވްއަކީ 2018 އިން ފެށިގެން ސަޢޫދީ ސަރުކާރުން ތަންފީޒުކުރަމުންދާ، ސަޢުދީ ވިޝަން 2030 ގައި ހިމެނޭ އިނިޝިއޭޓިވްއެކެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤުޞަދަކީ ޙައްޖުވެރިންނަށް ލުއިފަސޭހަކޮށްދިނުމެވެ. ރާއްޖެއަށް މި ފުރުޞަތު ލިބުމަކީ ސަޢޫދީ އަރަބިއްޔާއިން ރާއްޖޭގެ ރައްޔިތުންނާމެދު ދެކޭ އަޚުވަންތަ ގާތްކަން ރަމްޒުކޮށްދޭ ކަމެއްކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

