ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ހެނދުނު ހޮޓެލް ޖެންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސްޓޫޑަންޓް ޑެބިޓް ކާޑު ތަޢާރަފު ކޮށްފިއެވެ. މި ކާޑަކީ ހަތް އަހަރުން މަތީގެ ދަރިވަރުންނަށް އަމާޒުކޮށްގެން، ފައިސާ ޚަރަދުކުރުމުގައި ޒިންމާދާރު ގޮތްތަކަށް ކުދިން އަހުލުވެރިކުރުވައި، މާލީ މިނިވަންކަން ދަސްކޮށްދިނުމުގެ މަޤްޞަދުގައި ތަޢާރަފުކޮށްފައިވާ ކާޑެކެވެ.
މި ކާޑަކީ އެއްވެސް ފީއެއް ނުނަގާ ދޫކުރާ ވިސާ ޑެބިޓް ކާޑެކެވެ. މި ކާޑު މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި މުޢާމަލާތް ކުރެވޭނެއެވެ. އަދި ބެލެނިވެރިންނަށް އެ ކާޑުގެ އެކައުންޓަށް ފައިސާ ފޮނުވައި، ޚަރަދުކުރުމުގައި އިރުޝާދުދީ، ދަރިވަރުން ކާޑު ބޭނުންކުރާ ގޮތް ބެލެހެއްޓޭނެއެވެ.
ބީއެމްއެލްއިން ހާމަކުރި ގޮތުގައި، ދަރިވަރުން މި ކާޑުން ކުރާ މުޢާމަލާތްތަކަށް އަހަރަކު އެއްފަހަރު ރިބޭޓެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން އަހަރެއްގެ ތެރޭ ކުރާ ޖުމްލަ ޚަރަދުގެ 0.5 އިންސައްތަ ކޮންމެ ކުއްޖެއްގެ ސޭވިންގް އެކައުންޓަށް ބޭންކުން ޖަމާކޮށްދޭނެއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، “ބީއެމްއެލް ސްޓޫޑެންޓް ކާޑު ފަރުމާކޮށްފައި ވަނީ ދަރިވަރުންނަށް ބޭނުންވާނެ ކަންކަން ހިމަނައިގެން ފުރާވަރަށް އެރުމުގެ ކުރިން ދަރިވަރުންނަށް ހަރުދަނާކަމާއި ޒިންމާދާރުކަމާއެކު ފައިސާ މެނޭޖްކުރަން ދަސްކޮށްދިނުމަށް” ކަމަށެވެ.
މި ކާޑު ދެ އުމުރުފުރައަކަށް ބަހާލައިގެން ދެ ޑިޒައިނަކަށް ފަރުމާކޮށްފައިވެއެވެ. އެއީ 7-12 އަހަރާ ދެމެދުގެ ދަރިވަރުންނަށާއި 13-17 އަހަރާ ދެމެދުގެ ދަރިވަރުންނަށެވެ. ބެލެނިވެރިންނަށް ބީއެމްއެލް މޮބައިލް ބޭންކިންގް އެޕް މެދުވެރިކޮށް މި ކާޑަށް އެދި ހުށަހެޅޭނެއެވެ. އަދި ސެކިއުރިޓީ އިތުރަށް ހަރުދަނާކުރުމުގެ ގޮތުން އޮންލައިން އަދި މަތީ އަދަދުތަކުގެ މުޢާމަލާތްތަކަށް ބެލެނިވެރިންގެ ރަޖިސްޓަރީކޮށްފައިވާ ފޯނު ނަންބަރަށް ވަން-ޓައިމް ޕާސްވޯޑް (އޯޓީޕީ) ބޭންކުން ފޮނުވާނެއެވެ.

