މިއަދު ފާހަގަކުރަމުންދާ ކުޑަކުދިންގެ ދުވަހުގެ ހާއްސަ ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި މެޑަމް ސާޖިދާ އަހުމަދު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ސަރަހައްދަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
ގައުމީ ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން "އުފާވެރި ފެސްޓިވަލް" ގެ ނަމުގައި ހާއްސަ ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ހަވީރު ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފޭސް 2 ގެ "ހިޔާ ޕާކު" ސަރަހައްދުގައި ކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވާފައިވެއެވެ.
އެ ވުޒާރާއިން އިތުރަށް މައުލޫމާތު ދެއްވި ގޮތުގައި މި ހަރަކާތް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޝަރަފްވެރިކޮށްދެއްވުމަށް ހަމަޖެހިފައިވާ ކަމަށާއި، "ހިޔާ ޕާކު" ސަރަހައްދަށް އެމަނިކުފާނުގެ ދެކަނބަލުން މިއަދު ހަވީރު 17:00 ގައި ވަޑައިގަންނަވާނެއެވެ.
މި ފެސްޓިވަލްގައި ކުޑަކުދިންނަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. އެގޮތުން ރޮބޯމޭންގެ ހަރަކާތްތަކާއި، ފޯމް ޕާޓީ، ބައުންސިން ކާސަލް، ބައުންސިން ހޯސް ރައިޑިން، ބުލް ބޭޝް، އޯބީޒް ޝޫޓިން، ބަބުލް ހައުސް އަދި ވެކް އަ މޯލް ފަދަ ކުޑަކުދިން ޝައުގުވެރިވާ ތަފާތު ގިނަ ގޭމްތަކެއް ހިމެނެއެވެ.
މި ހަވީރުގެ ހަރަކާތްތައް ކުރިއަށްދާނީ މިއަދު ހަވީރު 4:00 އިން 6:00 އާ ހަމައަށެވެ. އަދި ކުޑަކުދިންގެ ދުވަހާ ގުޅިގެން މިރޭ 8:00 ގައި ހާއްސަ މޫވީ ނައިޓެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ

