ތައުލީމީ ވުޒާރާއިން އިސްނަގައިގެން ފުރަތަމަ ފަހަރަށް ޤައުމީ ފެންވަރުގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މާލެ ސަރަހައްދުގެ 6 ތަނެއްގައި ކުޑަކުދިންގެ ހަވީރު ބާއްވައިފިއެވެ.
މި ހަވީރުތައް ބޭއްވުނު ތަންތަނުގެ ތެރޭގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އޮންނަ ހިޔާ ޕާކާއި ހުޅުމާލޭ ސެންޓްރަލް ޕާކާއި ރަސްފަންނާއި ޖުމްހޫރީ މައިދާނާއި ހެންވޭރު ދަނޑުގެ އިތުރުން ވިލިނގިލީގައި ހުންނަ މުޙްޔިއްދީން ސްކޫލް ހިމެނެއެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުނު ހަވީރަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ޒިޔާރަތްކުރައްވައި، ކުޑަކުދިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރެއްވިއެވެ.
މި ހަވީރުތަކުގައި ކުޑަކުދިންނަށް އަމާޒުކޮށްގެން ތަފާތު ކުޅިވަރުތަކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ކުރިއަށް ގެންދެވުނެވެ. މީގެ ތެރޭގައި މަޝްހޫރު ޓީވީ ކެރެކްޓަރސްއާއި މެސްކޮޓުތަކުގެ ހާޒިރީއާއި، ކުޑަކުދިން ސްޓޭޖް މަތިން ހުށަހެޅި އެކިއެކި ޝޯތައް ހިމެނެއެވެ.
ހަރަކާތްތަކުގައި ބައިވެރިވި ގިނަ އަދަދެއްގެ ކުޑަކުދިން ފާހަގަކުރި ގޮތުގައި މި ހަރަކާތްތަކުން އެކުދިންނަށް ވަރަށް ބޮޑު އުފާވެރިކަމަކާއި ހިތްހަމަޖެހުމެއް ލިބުނެވެ. “މިކަހަލަ ދުވަހެއް ފާހަގަކުރާތީ ވަރަށް އުފާވޭ، އަޅުގަނޑުމެން ވަރަށް ބޮޑަށް ޝުކުރުވެރިވަން” ބައިވެރިވި ކުއްޖަކު ބުންޏެވެ.
މި ހަރަކާތްތައް އިންތިޒާމުކުރުމުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އެންމެ އިސް ދައުރެއް އަދާކުރިއެވެ. އަދި ހުޅުމާލޭގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުގައި ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވެސް އެހީތެރިކަން ފޯރުކޮށްދިނެވެ.

