ކަރަންޓު ބިލްތައް އެއްވަރުވެފައިވަނީ އޭޕްރިލް މަހަށް ވެސް ޑިސްކައުންޓު ދިނުމުގެ ސަބަބުން ކަމަށް ސްޓެލްކޯއިން މިއަދު ހާމަކޮށްފިއެވެ.
ސްޓެލްކޯއިން ނެރުނު ބަޔާނެއްގައި ބުނީ، މިއަހަރުގެ މާރިޗު މަހު (ރަމަޟާން މަހު) ކަރަންޓު ބިލަށް ޑިސްކައުންޓު ދެއްވި ފަދައިން އޭޕްރިލް މަހުގެ ކަރަންޓު ބިލަށް ވެސް ޑިސްކައުންޓު ދީފައިވާ ކަމަށެވެ.
އަދި ސްޓެލްކޯއިން ފާހަގަކޮށްފައިވާ ގޮތުގައި، “އޭޕްރިލް މަހަކީ ހޫނު ގަދަވުމުގެ ސަބަބުން އާންމުކޮށް ކަރަންޓު ބިލުތައް ވަރަށް ބޮޑުވާ މަހަކަށްވާތީ، ރައްޔިތުންނަށް އިތުރު ލުޔެއް އޭޕްރިލް މަހުވެސް ދިނުމަށް” ނިންމާފައިވާ ކަމަށެވެ.
މި ގޮތުން އޭޕްރިލް މަހުގެ ކަރަންޓު ބިލު ކަސްޓަމަރުންނަށް ފޯރުކޮށްދިންއިރު، ބިލުގައިވާ “ކަރަންޓު ބޭނުންކުރެވުނު ވަރު” އޭގެ ކުރީ މަހާ ތަފާތުވި ނަމަވެސް، ބައެއް ބިލްތަކުގައި ބިލުގެ އަދަދު މާރިޗު މަހުގެ (ރަމަޟާން މަހު) ބިލާ އެއްވަރުވެފައިވަނީ މި ލުއިތައް ދިނުމުގެ ސަބަބުން ކަމަށް ސްޓެލްކޯއިން ވަނީ ހާމަކޮށްފައެވެ.

