މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުޤީގަށް ގއ.ކޮލަމާފުށީ މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުޤީގަށް ސުވާލުކުރުމަށް ހޯދަން އިއުލާންކޮށްފައިވަނީ ގއ.ކޮލަމާފުށީ، ވެށި، އަހުމަދު ޝިފާޒު (32) އެވެ.
ފުލުހުން ވިދާޅުވާ ގޮތުގައި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާ ކަމަށާއި އާއިލާއަށްވެސް ޝިފާޒް އުޅޭ ވަކިތަނެއް އެނގިފައިނެތްކަމަށެވެ.
އެހެންކަމުން ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަހުމަދު ޝިފާޒްއަށް ވަނީ އަންގާފައެވެ. އެގޮތުން މިމަހު 26 ވަނަ ދުވަހުގެ ހެދުނު 10:00އަށް ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވުމަށް އަންގާ ފުލުހުންވަނީ އިއުލާންކޮށްފައެވެ.
މިދުވަސްވަރަކީ ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަތައް އިތުރުވެފައިވާ ދުވަސްވަރެކެވެ. ގިނައަދަދެއްގެ މަސްތުވާ ތަކެއްޗާއެކު ފުލުހުން ދަނީ ނެޓްވޯކްތަކުގެ ބޮޑުންނާއި އެކަމުގައި ހަރަކާތްތެރިވާ މީހުން ހައްޔަރުކުރަމުންނެވެ. އެހެންނަމަވެސް މަސްތުވާ ތަކެތީގެ މައްސަލަތަކުގައި ހައްޔަރުކުރާ މީހުން ދޫކޮށްލާ މައްސަލަ މިއަދުވަނީ މަޖުލީހުގެ ތަޅުމަށް ހުށަހަޅާފައެވެ.
ބައެއް މެމްބަރުން ތުހުމަތުކުރާ ގޮތުގައި މަސްތުވާ ތަކެތީގެ މައްސަލަތަކުގައި ހައްޔަރުކުރާ މީހުން ދޫކޮށްލެވެނީ ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބަވާ ބައެއް ބޭފުޅުންގެ ނުފޫޒުން ކަމަށެވެ.

