ތައުލީމީ ވުޒާރާއިން އިސްނަންގަވައިގެން ފުރަތަމަ ފަހަރަށް ޤައުމީ ފެންވަރުގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދެވި ހަރަކާތްތަކުގެ ތެރެއިން، ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ކުޑަކުދިންގެ ހަވީރަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ޒިޔާރަތް ކުރައްވައިފިއެވެ.
ހަވީރު ކުރިއަށް ދިޔަ ސަރަޙައްދަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގެންނެވުމުން މަރުޙަބާ ދެންނެވީ ތައުލީމީ ވުޒާރާގެ އިސްވެރިންނާއި ސްކޫލުތަކުގެ އިސްވެރިންނެވެ. މި ހަވީރުގައި ދަރިވަރުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ޚާއްޞަ ހަދިޔާއެއް އަރުވާފައިވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެތަނުގައި ހުރި ސްޓޯލްތަކާއި، ދަރިވަރުން ހުށަހެޅި ސްޓޭޖް ހަރަކާތްތައް ބައްލަވައިލައްވައިފައެވެ.
މި އަހަރުގެ ކުޑަކުދިންގެ ދުވަސް މިފަދަ ގޮތަކަށް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ ދުވަހުގެ ހަރަކާތްތަކުގައި ކުދިންނާއެކު އެކުދިންގެ އާއިލާތަކަށްވެސް ބައިވެރިވެވޭނެ ފުރުސަތު ހޯދައިދިނުމެވެ. މި ހަވީރުގައި ހިމެނިފައިވަނީ ކުޑަކުދިންނާ ގުޅޭ ޝައުގުވެރި، ތަޢުލީމީ ހަރަކާތްތަކާއި، މަޖާ ކުޅިވަރުތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ހަރަކާތްތަކެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ހަވީރުގައި ބައިވެރިވި ކުދިންނާއި އެ ކުދިންގެ ޢާއިލާތަކާވެސް ބައްދަލުކުރައްވައިފައެވެ. ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 10 ވަނަ ދުވަސް ދިވެހިރާއްޖޭގައި ފާހަގަކުރަނީ ކުޑަކުދިންގެ ދުވަހުގެ ގޮތުގައެވެ. މި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓުގައިވެސް ޕޯސްޓެއް ޙިއްޞާކުރައްވައިފައެވެ.

