ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި ޔުނިސެފް ގުޅިގެން އިންތިޒާމްކޮށްގެން ބާއްވާ ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް މިއަދު ވަނީ ފަށައިފައެވެ. މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ކޮންފަރެންސް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ.
ކަމާގުޅުންހުރި ހުރިހާ އިދާރާތައް ހިމެނޭހެން ބާއްވާ މިފަދަ ފުރަތަމަ ކޮންފަރެންސް ކަމަށްވާ މި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ އިލްމީ ހޯދުންތަކުގެ މައްޗަށް ބިނާކޮށް، ނިޒާމުގައި ހުރި މައްސަލަތަކަށް ޙައްލުތައް ހޯދުމެވެ. އަދި މި ދާއިރާގައި ހިއްސާވާ އެކި އިދާރާތައް ގުޅިގެން މަސައްކަތް ކުރުމުގައި ހުރި ހިރާސްތައް މިހާރަށްވުރެ ކުޑަކުރެވޭނެ ގޮތްތައް ހޯދައި، އެކަންކަމަށް ހެޔޮ ބަދަލުތަކެއް ގެނައުމަކީވެސް މި ކޮންފަރެންސްގެ މުހިންމު މަޤްޞަދެކެވެ.
މި ކޮންފަރެންސްގައި، މި ދާއިރާއިން އަށް ދިރާސީ ކަރުދާސް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ކަމާ ގުޅުންހުރި އިދާރާތަކާއި ކޮލެޖު، ޔުނިވަރސިޓީތަކުން ހުށަހަޅާ ޕޭޕަރުތައް ހިމެނެއެވެ. އަދި ދެ ކީނޯޓް ސްޕީކަރުން ވާހަކަދެއްކެވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ރާއްޖޭގެ ޖުވެނައިލް ޖަސްޓިސް ސިސްޓަމް ގާއިމްވެފައިވަނީ ރިހެބިލިޓޭޝަން، ރީއިންޓެގްރޭޝަން، އަދި ރިސްޓޯރޭޓިވް ޖަސްޓިސްގެ އުސޫލުތަކުގެ މައްޗަށެވެ. މި ނިޒާމުގެ މައިގަނޑު މަޤްޞަދަކީ ރިސީޑިވިޒަމް ހުއްޓުވުމާއި ޕޮޒިޓިވް ސޯޝަލް ރީއިންޓެގްރޭޝަން ކުރިއެރުވުމެވެ. ނަމަވެސް ކުށް ހުއްޓުވުމާއި، ޑައިވާޝަން ޕްރޮގްރާމްތަކާއި، ރިހެބިލިޓޭޝަންގެ ޚިދުމަތްތަކާއި، ބަންދު ނޫން ފިޔަވަޅުތައް އެޅުން ފަދަ ދާއިރާތަކުގައި ގިނަ ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރެވެއެވެ.

