ޑަކުދިންގެ ދުވަހާ ގުޅިގެން ޔުނިސެފް މޯލްޑިވްސްއިން ނެރުނު ބަޔާނެއްގައި، ކުޑަކުދިންނާއި ޒުވާނުންގެ ލާބައާއި މަންފާއަށް ކުރެވޭ މަސައްކަތްތައް އިތުރުކުރުމަށް ގޮވާލައިފިއެވެ.
ޔުނިސެފުން ފާހަގަކުރި ގޮތުގައި، ރާއްޖެއިން ވަނީ ޕްރައިމަރީ އަދި ސެކަންޑަރީ ތައުލީމަށް ޔުނިވާސަލް އެކްސެސް ހޯދައިދިނުމާއި، 99 އިންސައްތަ އިމިއުނައިޒޭޝަން ކަވަރޭޖަށް ވާސިލްވުމުގެ އިތުރުން، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު އަދި ކުޑަކުދިންގެ އަދުލުގެ ގާނޫނު ފަދަ މުހިންމު ގާނޫނުތައް ތަންފީޒުކުރުމުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ.
ޔުނިސެފުން ވަނީ ކުޑަކުދިންނާއި ޒުވާނުންނަށް ނާޒުކު މޫސުމީ ސިޔާސަތުތައް އެކުލަވާލުމާއި، މޫސުމަށް އަންނަ ބަދަލުތަކަށް ރިސިލިއެންޓްވާ އުމްރާނީ އަދި އިޖުތިމާއީ ހިދުމަތްތައް ތަރައްގީކުރުމަށް ވެސް ގޮވާލާފައެވެ.
ޔުނިސެފްއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. އެޑްވާޑް އައްޑާއީ ވިދާޅުވެފައިވަނީ “ރާއްޖޭގެ ކޮންމެ ކުއްޖަކަށްވެސް އެކުދިންގެ ފުރިހަމަ ޤާބިލުކަން ލިބުމަށްޓަކައި، ވޭތުވެދިޔަ ކުރިއެރުންތައް ފާހަގަކުރުމުގެ އިތުރުން ކުރިއަށް ދާންޖެހޭ” ކަމަށެވެ.
މި ދުވަސް ފާހަގަކުރާއިރު، ޣައްޒާގެ ކުޑަކުދިންގެ ނާޒުކު ހާލަތަށް ވެސް ޔުނިސެފުން ވަނީ އަލިއަޅުވާލާފައެވެ. އެހީތައް ބަންދުކުރުމާއި، މިހާރު ހިނގަމުންދާ ބޮމުގެ ޙަމަލާތަކާއި، މަޖުބޫރުކޮށްގެން މީހުން ބަދަލުކުރުމުގެ ސަބަބުން، އިންސާނީ ކާރިސާގެ އެންމެ ބޮޑު އަސަރު ތަޙައްމަލުކުރަމުންދަނީ ކުޑަކުދިންކަން ފާހަގަކޮށްފައިވެއެވެ.
ޔުނިސެފުން ދަނީ ހަނގުރާމަ ހުއްޓާލުމަށް ވަކާލާތުކުރަމުން ކަމަށާއި، ކޮންމެ ކުއްޖެއްގެ ވެސް ހައްގުތައް ހިމާޔަތްކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކެނޑިނޭޅި މަސައްކަތްކުރާ ހުރިހާ އެކުވެރިންނާއެކު ޔުނިސެފުން އަބަދުވެސް ވަކާލާތު ކުރަމުން ގެންދާނެކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

