ސަންލޭންޑު ހޮޓެލްސްގެ އެއް ހިއްސާދާރު، އަދި މަޝްހޫރު ވިޔަފާރިވެރިޔާ މުޙައްމަދު ނަޒީރު (ސަންލޭންޑު ނަޒީރު) އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ތައުޒިއްޔާ ވިދާޅުވެއްޖެއެވެ.
ރައީސް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަނީ ނަޒީރު އަވަހާރަވުމާއި ގުޅިގެން އެމަނިކުފާނުގެ އާއިލާއަށް ތައުޒީއްޔާ ދަންނަވާފައެވެ.
ނަޒީރު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވުމަށްފަހު ރޭގެ ވަގުތެއްގައެވެ.
ރައީސްގެ މެސެޖުގައި ވިދާޅުވެފައިވަނީ ނަޒީރަކީ، އިނގިރޭސިވިލާތުގައި ހުންނަ ދިވެހި ހައިކޮމިޝަންގެ ޓްރޭޑް ރެޕްރެޒެންޓެޓިވް، އަދި ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާގައި ބޮޑެތި ޚިދުމަތްތަކެއް ޤައުމަށް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ. އަދި ރައީސްގެ މެސެޖުގައި ވަނީ، ނަޒީރުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުން އެދި ދުޢާ ދަންނަވާފައެވެ.
އައްޑޫ ސިޓީ ހުޅުދުއަށް އުފަން ނަޒީރަކީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލްބާރީގެ އެއްބަނޑުއެއްބަފާ ބޭބެ އެވެ. އަދި ނަޒީރަކީ އިނގިރޭސިވިލާތަށް ރާއްޖެ އިން ކަނޑައަޅާފައި ހުންނެވި ޓްރޭޑް އެމްބެސެޑަރުވެސް މެއެވެ.

