ކޮމަންވެލްތް ޕާލަމެންޓަރީ އެސޯސިއޭޝަން (ސީޕީއޭ)ގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޡިމް އިނގިރޭސިވިލާތަށް ފުރާވަޑައިގެންފިއެވެ.
ސީޕީއޭގެ އެގްޒެކެޓިވް ކޮމިޓީގެ އޭޝިއާ ސަރަހައްދު ތަމްސީލުކުރައްވާ މަންދޫބުގެ ހައިސިއްޔަތުން މަޖިލީހުގެ ނައިބު ރައީސް ބައިވެރިވެވަޑައިގަންނަވާ މި ބައްދަލުވުން އޮންނާނީ މި މަހު 12-13 އަށް އިނގިރޭސިވިލާތުގެ ލަންޑަންގައެވެ.
އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމަކީ ސީޕީއޭގެ ޤާނޫނީ ހައިސިއްޔަތު މި އަހަރުތެރޭގައި ބަދަލުވާތީ އެކަމާގުޅޭ އެންމެ ފަހުގެ ނިންމުންތައް ނިންމުމާމެދު މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.
1911 ވަނަ އަހަރު އުފެދުނު ސީޕީއޭ ހިންގަމުންގެންގޮސްފައިވަނީ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމާޢަތެއްގެ ގޮތުގައެވެ.
18 ޑިސެންބަރު 2024 ގައި އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށް، މި އަހަރު ޖަނަވަރީ މަހުގެ 16 ވަނަ ދުވަހު އިނގިރޭސިވިލާތުގެ ރަސްގެފާނު ޝާހީ ރުހުންދެއްވި ޤާނޫނަކުން، ސީޕީއޭގެ ޤާނޫނީ ހައިސިއްޔަތު ބައިނަލްއަޤްވާމީ ޖަމާޢަތަކަށްވަނީ ބަދަލުކޮށްފައެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މި ޒިޔާރަތުގައި އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލިސް ހައުސް އޮފް ކޮމަންސްގެ ރައީސްއާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

