ދުނިޔެ ދެކެމުންދާ ކުރިއެރުމާއި ކާމިޔާބީގެ ފަހަތުގައި ތިބި ހަގީގީ ބަޠަލުންނަކީ މަންމައިން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދާ ބައިނަލްއަޤުވާމީ މަންމައިންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ މަންމައިންގެ ދުވަސް އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ އެންމެ އަގުހުރި ޤުރުބާނީ އާއި މައިވަންތަކަމުގެ ލޯބި ކަމަށެވެ. އަދި ދުނިޔެ ދެކެމުންދާ ކުރިއެރުމާއި ކާމިޔާބީގެ ފަހަތުގައި ތިބި ހަގީގީ ބަޠަލުންނަކީ މަންމައިން ކަމަށެވެ.
ރައީސް ވަނީ މިއަދު ފާހަގަ ކުރަމުންދާ ބައިނަލްއަޤުވާމީ މަންމައިންގެ ދުވަހުގެ ތަހުނިޔާ މަންމައިންނަށް، ހެޔޮ ދުޢާތަކާ އެކު ފޮނުވާފައެވެ.
މައިންގެ މަސްއޫލިއްޔަތާއި ކުރާ މަސައްކަތާއި ޤުރުބާނީ ތަކަކީ، އަގު ނުކުރެވޭ ފަދަކަންކަމެވެ. މާބަނޑުވުމާއި ވިހެއުމާއި ގުޅިގެން ހަށިގަނޑަށް އަންނަ ބަދަލުތަކާމެދު ބަސްބަސް ބުނުމާއި ކުޑަ ދަރިފުޅުގެ ހެދިބޮވުމާއި މެދު އެކިކަހަލަ ބަސްތައް އަމާޒު ކުރުމަކީ މައިންނަށް ނުތަނަވަސްކަން ގެނުވައިދޭކަމެކެވެ.
އެކަނިވެރި މައިންގެ އިތުރުން އުމުރުން ދުވަސްވީ މަންމައިންނަކީ އަދި ތަފާތު ގޮންޖެހުންތަކަކާއި ކުރިމަތިލާ ބައެކެވެ. ގައިބާރުދެރަވެ ބަލިވެފައިވާ އުމުރުގައިވެސް، މާމަ ދަރިން ބަލަނީ، އެމަންމައިންގެ މައިވަންތަ ކުލުނާއި ދަރިންގެ ކުރިއެރުމަށް އެދޭ މިންވަރުގެ ސަބަބުން އެއްވެސް ޝަކުވާއެއްނެތިއެވެ.
އިސްލާމްދީނުގައި މައިންނަށް ދީފައިވަނީ އެންމެ މަތިވެރިވެގެންވާ ގަދަރެވެ. މައި މީހާއަށް އަޅާލުމަކީ އާޚިރަތްދުވަހުން ތިމާ ސުވަރުގެ ވައްދަވާ ކަމެކެވެ.

