މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ފުރުތަމަ ޑިގްރީ ސްކީމް އަދި ސްކޮލަރޝިޕް ސްކީމްތަކުގެ ދަށުން ޖުމްލަ 9،044 ދަރިވަރުން ދަނީ މި ވަގުތު މަތީ ތަޢުލީމު ހާޞިލުކުރަމުންނެވެ.
ސްކޮލަޝިޕް ސްކީމްތަކުގެ ދަށުން ޖުމްލަ 717 ދަރިވަރުންނަށް މަތީ ތަޢުލީމާއި ތަމްރީނު ހާޞިލުކުރުމުގެ ފުރުޞަތު ދެވިފައިވާއިރު، މި އަހަރު މިހާތަނަށް ސްކޮލަޝިޕްގެ ދަށުން ކިޔެވުން ފަށާފައިވަނީ 25 އަންހެން ދަރިވަރުންނާއި 9 ފިރިހެން ދަރިވަރުންނެވެ. އަދި މި އަހަރު މި ސްކީމްގެ ދަށުން މިހާތަނަށް ޖުމްލަ 55،517،650.23 ރުފިޔާ ވަނީ ދަރިވަރުންނަށް ދޫކުރެވިފައެވެ.
ފުރުތަމަ ޑިގްރީ ސްކީމްގެ ދަށުން ޖުމްލަ 8،327 ދަރިވަރުން ދަނީ މި ވަގުތު ދިވެހިރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮއްދޭ އެކި މަރުކަޒުތަކުން ތަމްރީނާއި މަތީ ތަޢުލީމު ހާޞިލުކުރަމުންނެވެ. މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް ފުރުތަމަ ޑިގްރީ ސްކީމްގެ ދަށުން 5،258 އަންހެން ދަރިވަރުންނާއި 3،069 ފިރިހެން ދަރިވަރުން ދަނީ މަތީ ތަޢުލީމު ޙާޞިލުކުރަމުންނެވެ. އަދި މި އަހަރު މި ސްކީމްގެ ދަށުން މިހާތަނަށް ޖުމްލަ 51،725،772.26 ރުފިޔާ ވަނީ ދަރިވަރުންނަށް ދޫކުރެވިފައެވެ.

