މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު ބައިނަލްއަޤްވާމީ އެއަރލައިންތަކުން ރާއްޖެއަށް ކޮށްފައިވާ ދަތުރުތައް 5.4 އިންސައްތަ އިތުރުވެއްޖެއެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ މަންތްލީ ސްޓެޓިސްޓިކްސް ރިޕޯޓުން ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު ރާއްޖެއަށް ބައިނަލްއަޤްވާމީ އެއަރލައިންތަކުން ޖުމުލަ 4،880 ދަތުރު ވަނީ ކޮށްފައެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި ކޮށްފައިވަނީ 4،628 ދަތުރެވެ. މީގެ ތެރެއިން މިއަހަރުގެ ފުރަތަމަ ތިން މަހު އެއަރލައިންތަކުން ރާއްޖެއަށް 4،444 ޝެޑިއުލް ދަތުރު ކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ކުރި 4،141 ޝެޑިއުލް ދަތުރަށްވުރެ 7.3 އިންސައްތަ އިތުރު އަދަދެކެވެ.
ނަމަވެސް މި މުއްދަތުގައި ޖެނެރަލް ފްލައިޓް މޫވްމަންޓްސް ވަނީ ދަށްވެފައެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ތިން މަހު ޖެނެރަލް ފްލައިޓް މޫވްމަންޓްސް ހުރީ 436 ގައި ކަމަށްވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި މި އަދަދު ހުރީ 487 ގައެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މެއި މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 866،462 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 8 އިންސައްތަ އިތުރު އަދަދެކެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން އިތުރަށް ދައްކާގޮތުން އެވްރެޖްކޮށް ރާއްޖެއަށް ދުވާލެއްގެ މައްޗަށް 6،877 ފަތުރުވެރިން ޒިޔާރަތްކުރެއެވެ. ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނައިރު، ރާއްޖެއަށް ދަތުރުކުރާ ބައިނަލްއަޤްވާމީ އެއަރލައިންތަކުގެ އަދަދާއި އެ އެއަރލައިންތަކުން ކުރާ ދަތުރުތަކުގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ.

