ނުރައްކާތެރި ކުންޏާއި ކެމިކަލް މެނޭޖުކުރުމަށް ވަސީލަތްތައް ގާއިމުކުރެވިފައިނުވާތީ، ނުރައްކާތެރި ކެމިކަލް އަދި ކުނި ރައްކާތެރި ގޮތުގައި ނައްތާލުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިލާން ޖެހިފަވުމުން، ރާއްޖެއަށް އެތެރެކުރާ ކެމިކަލް އަދި އުފެދޭ ކުނި މެނޭޖުކުރުމަށް ޤާނޫނީ އޮނިގަނޑެއް ތައްޔާރުކުރުމާއި ކުންޏާއި ކެމިކަލް މެނޭޖުރުމަށް ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތްތައް ފަށައިފިއެވެ.
މިގޮތުން މިކަމަށް ހައްލުހޯދުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާއިން މަސައްކަތްތަކެއް ކުރަމުންދާއިރު، 2020 ވަނަ އަހަރު ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީގެ މާލީ އެހީތެރިކަމާއިއެކު، ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އާއި ގުޅިގެން "އެލިމިނޭޓިން ޕަރސިސްޓްންޓް އޯގަނިކް ޕޮލިއުޓަންޓްސް ތްރީ ސައުންޓް މެނޭޖްމަންޓް އޮފް ކެމިކަލްސް" މަޝްރޫއު ވަނީ ފަށާފައެވެ.
ިމަޝްރޫއުގެ ދަށުން ރާއްޖެއަށް އެތެރެކުރާ ނުރައްކާތެރި ކެމިކަލް އަދި އުފެދޭ ނުރައްކާތެރި ކުނި މެނޭޖުކުރުމަށް ޤާނޫނީ އޮނިގަނޑެއް ތައްޔާރުކުރުމާއި ކުންޔާއި ކެމިކަލް މެނޭޖުރުމަށް ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. މި ނިޒާމެގެ ތެރެއިން ރާއްޖޭގައި އުފެދޭ ނުރައްކާތެރި ކުނި ރައްކާކުރުމަށް މަރުކަޒެއް ޤާއިމްކުރުމަށް ވަނީ ރާވާފައެވެ.

މިއަދު ސޮއިކުރެވުނު ނުރައްކާތެރި ކުންޏާއި ކެމިކަލް ރައްކާކުރާ ފެސިލިޓީ ފުރިހަމަ ކުރެވުމުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އުފެދޭ ނުރައްކާތެރި ކުންޔާއި ކެމިކަލް ތިމާވެއްޓާ ރައްޓެހި ގޮތުގައި ނައްތާލުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ ކުރިން މި ފެސިލިޓީގައި ރައްކާކުރެވޭނެއެވެ. މިގޮތުން މުއްދަތު ހަމަވާ ކެމިކަލްގެ ބާވަތްތައް، އީ-ވޭސްޓް، ފަތުރުވެރިކަން އަދި އިމާރާއްކުރުން ފަދަ ސިނާއަތްތަކުން އުފެދޭ ނުރައްކާތެރި ކުނި އަދި ކެމިކަލްތައް ތިމާވެއްޓާއި ރައްޓެހި އުސޫލުން ރައްކާކުރުމަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.
މި ފެސިލިޓީ ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ ރ. ވަންދޫގައި ގާއިމުކޮށްފައިވާ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގައެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ވީ އަވަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި 10 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ. މިމަސައްކަތުގެ އަގަކި 18.5 މިލިއަން ރުފިޔާއެވެ.

