ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދު (21އ) ވެއްޓުނު މައްސަލާއާ ގުޅުންހުރި މީހުންނާ ބައްދަލުކޮށް މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ރިޔާސީ ކޮމިޝަނުން ފަށައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން އުފެއްދި ރިޔާސީ ކޮމިޝަނުން މިހާތަނަށް ވަނީ މައްސަލައާ ގުޅުންހުރި ތަންތަނަށް ޒިޔާރަތްކޮށް، އިދާރާތަކުގެ ކަމާބެހޭ މުވައްޒަފުންނާ ބައްދަލުކޮށްފައެވެ. މި މަސައްކަތުގެ ތެރެއިން މައްސަލައާ ގުޅުންހުރި އެހެނިހެން ފަރާތްތަކުން މަޢުލޫމާތު ހޯދުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރިއަށެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހު ހިނގި މި ހާދިސާގައި ޔުމްނު ވެއްޓުނީ ހ. ފެންޓެނޯއީގެ އިމާރާތުގެ މަތިންނެވެ. ފުރަތަމަ ފަރުވާ ދިނީ އައިޖީއެމްއެޗްގައި ކަމަށްވާއިރު، އޭގެފަހުން އިތުރު ފަރުވާއަށް މެލޭޝިއާއަށް ފުރުވާލެވުނެވެ. މެލޭޝިޔާގެ ހޮސްޕިޓަލްގައި ގިނަ އޮޕަރޭޝަންތަކެއް ކުރުމަށްފަހު މިހާރު ޔުމްނުގެ ހާލު ދަނީ ރަނގަޅުވަމުންނެވެ. އާއިލާއިން ބުނާ ގޮތުގައި ޔުމްނު މިހާރުވަނީ ހޭއަރައި، ހާދިސާ ހިނގިގޮތް ކިޔައިދީފައެވެ. އަދި އޭނާ އަމިއްލައަށް ފުންމާނުލާ ކަމަށްވެސް ޔުމްނު ބުނެފައިވާ ކަމަށް އާއިލާއިން މަޢުލޫމާތުދެއެވެ.
މި މައްސަލަ ތަޙުޤީޤުކުރުމަށް ރައީސް މުއިއްޒު އުފައްދާފައިވާ ކޮމިޝަނުގައި ހިމެނެނީ ޑރ. މުޙައްމަދު މުނައްވަރު، ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަޙްމަދު މުޙައްމަދު، ޑރ. މޫސާ މުރާދު، ޖަބީން މުޙައްމަދު އަދި އާމިނަތު އީނާސްއެވެ. ރައީސް މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި ކޮމިޝަނުގެ ރިޕޯޓުގައި ޤައުމީ ސަލާމަތަށް ނުރައްކާވާނެ އެއްވެސް ވާހަކައެއް ނެތްނަމަ، އެ ރިޕޯޓު އެއްކޮށް ހާމަކުރައްވާނެއެވެ.
މި މައްސަލައިގައި ޔުމްނުއާއެކު ހުރި ރައުދު އަހުމަދު ޒިލާލް އަދިވެސް ހުރީ ބަންދުގައެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮތް ކަމަށާއި، ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތް ކަމަށާއި، އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށެވެ. މި މައްސަލައާ ގުޅިގެން މއ. މާންދޫގެދެކުނުގެ އާއި ގ. ކަށިވެލީގެގެ ބައެއް ސަރަޙައްދުތައްވެސް ފުލުހުން ވަނީ ބަލައި ފާސްކޮށްފައެވެ.

