ހުޅުމާލޭގައި ހުންނަ ކްލިނިކަކަށް ތެރަޕީ ނަގަން ދިޔަ ހާއްސައެހީއަށް ބޭނުންވާ ކުއްޖަކަށް އަނިޔާ ކުރި ކަމަށް ބުނާ މައްސަލައެއް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބަލަން ފަށައިފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި މައްސަލައިގެ ޝަކުވާ ހުށަހަޅާފައިވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ. އެ ޝަކުވާގައި ބުނެފައިވަނީ މި މަހުގެ 5 ވަނަ ދުވަހު ހުޅުމާލޭގައި ހުންނަ ކްލިނިކަކަށް ތެރަޕީ ނަގަން ދިޔަ ކުޑަކުއްޖަކަށް ޖިސްމާނީ ގޮތުން އަނިޔާ ވެދާނެ ގޮތަކަށް އަމަލުކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަނީ ނޫކުލައިގެ ހެދުމެއް ލައިގެން ހުރި އަންހެނަކު އެ ކުއްޖާއަށް އަނިޔާކުރާ މަންޒަރެވެ. އަދި އެ ވީޑިއޯގައި އެ މުވައްޒަފު ކަމަށް ބެލެވޭ ފަރާތުން ކަތުރެއް ކަމަށް ބެލެވޭ ތޫނު އެއްޗެއް ގެންގުޅޭ މަންޒަރު ވެސް ފެނިގެންދެއެވެ.
ފުލުހުން ދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.

