2007 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އުފަންވާ ހުރިހާ ކުދިންނަށް ދުންފަތުގެ ބާވަތްތައް މަނާކުރުމަށް “ޖެނެރޭޝަނަލް ބޭން” އެއް ތަންފީޒުކުރުމަށް ގެނެވޭ ގާނޫނީ އިސްލާހު، މަޖިލީހުގެ ވަގުތީ ކޮމިޓީން ފާސްކޮށްފިއެވެ.
މި ބިލަކީ ވަޒީރުންގެ މަޖިލީހުން މިދިޔަ މަހުގެ 13 ވަނަ ދުވަހު ނިންމި ނިންމުމެއްގެ ދަށުން، ސަރުކާރުގެ ފަރާތުން ކިނބިދޫ ދާއިރާގެ މެންބަރު އަހުމަދު އަޝްރަފް މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ. ހަތް މެންބަރުންގެ ވަގުތީ ކޮމިޓީއަކުން 10 ދުވަހުގެ މުއްދަތުގައި ދިރާސާކުރުމަށްފަހު، އެޓަރނީ ޖެނެރަލްގެ ލަފާގެ މަތިން މިއަދު ވަނީ އިއްތިފާގުން ފާސްކޮށްފައެވެ.
މި ބިލުގެ މައިގަނޑު މަގުސަދަކީ 2007 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ފަހުން އުފަންވާ އެއްވެސް ދިވެއްސަކަށް ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ފުރުސަތު ނުދިނުމެވެ. މީގެ އިތުރުން 21 އަހަރުން ދަށުގެ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތްތައް ވިއްކުމާއި ބޭނުންކުރުން މަނާކުރެއެވެ.
ބިލުގައި ހިމެނޭ މުހިންމު ކަންތައްތަކުގެ ތެރޭގައި، ދުންފަތުގެ ބާވަތްތައް ވިއްކުމަށް ހާއްސަ ލައިސަންސެއް ނަގަންޖެހުމާއި، ގަންނަ ފަރާތުގެ އުމުރު ކަށަވަރުކުރުމަށް އައިޑީ ކާޑު ޗެކްކުރަންޖެހުން ހިމެނެއެވެ. އަދި ދުންފަތުގެ ބާވަތްތައް އުފެއްދުމަށް ބޭނުންކުރާ މެޝިނަރީ ރާއްޖެއަށް އެތެރެކުރުން މަނާކުރެއެވެ.
ނަމަވެސް، ރާއްޖެއިން ބޭރުން އަންނަ ފަސިންޖަރުންނަށް އަމިއްލަ ބޭނުމަށް އެއް ކާޓަން ސިނގިރޭޓު އެތެރެކުރުމުގެ ހުއްދަ ދެވިފައިވެއެވެ. މި ގާނޫނާ ހިލާފުވާ ފަރާތްތަކަށް 1000 ރުފިޔާއިން ފެށިގެން އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ.

