މި އަހަރުގެ މިހާތަނަށް ސްކޮލަޝިޕް ސްކީމްތަކުގެ ދަށުން ދަރިވަރުންނަށް ޖުމްލަ 55،517،650.23 ރުފިޔާ ދޫކޮށްފައިވާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ހާމަކުރައްވައިފިއެވެ.
މިނިސްޓްރީން ދެއްވި މައުލޫމާތުގައިވާ ގޮތުން، މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވުޒާރާގެ ފުރުތަމަ ޑިގްރީ ސްކީމް އަދި ސްކޮލަޝިޕް ސްކީމްތަކުގެ ދަށުން މި ވަގުތު ޖުމްލަ 9،044 ދަރިވަރުން މަތީ ތައުލީމު ހާސިލުކުރަމުންދެއެވެ. މީގެ ތެރެއިން ސްކޮލަޝިޕް ސްކީމްތަކުގެ ދަށުން 717 ދަރިވަރުންނަށް މަތީ ތައުލީމާއި ތަމްރީނު ހާސިލުކުރުމުގެ ފުރުސަތު ދީފައިވެއެވެ.
މިނިސްޓްރީން އިތުރަށް ހާމަކުރެއްވި ގޮތުގައި، މި އަހަރު މިހާތަނަށް ސްކޮލަޝިޕްގެ ދަށުން ކިޔެވުން ފަށާފައިވަނީ 25 އަންހެން ދަރިވަރުންނާއި 9 ފިރިހެން ދަރިވަރުންނެވެ. އަދި ފުރުތަމަ ޑިގްރީ ސްކީމްގެ ދަށުން ޖުމްލަ 8،327 ދަރިވަރުން މި ވަގުތު ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ އެކި މަރުކަޒުތަކުން ތަމްރީނާއި މަތީ ތައުލީމު ހާސިލުކުރަމުންދެއެވެ.
މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް ފުރަތަމަ ޑިގްރީ ސްކީމްގެ ދަށުން 5،258 އަންހެން ދަރިވަރުންނާއި 3،069 ފިރިހެން ދަރިވަރުން މަތީ ތައުލީމު ހާސިލުކުރަމުންދާއިރު، މި އަހަރު މި ސްކީމްގެ ދަށުން މިހާތަނަށް ޖުމްލަ 51،725،772.26 ރުފިޔާ ދަރިވަރުންނަށް ދޫކޮށްފައިވާ ކަމަށް މިނިސްޓްރީން ފާހަގަކުރައްވައިފިއެވެ.
މި ތަފާސްހިސާބުތަކުން ދައްކާގޮތުން، މަތީ ތައުލީމު ހާސިލުކުރުމަށް ސަރުކާރުން ދެމުންގެންދާ މާލީ އެހީތެރިކަމުގެ ސަބަބުން ގިނަ އަދަދެއްގެ ދަރިވަރުންނަށް މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ލިބިގެންދާކަން ފާހަގަކުރެވެއެވެ.

