މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ގެވެށި އަނިޔާގެ 402 މައްސަލައެއް ހުށަހެޅިފައިވާ ކަމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ) އިން ހާމަކޮށްފިއެވެ.
އެފްޕީއޭއިން ނެރުނު ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި މައްސަލަތަކުގައި ޖުމްލަ 555 މީހުންނަށް އަނިޔާ ލިބިފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ 356 އަންހެނުންނާއި 162 ފިރިހެނުންނެވެ.
މި މައްސަލަ ތަކުގެ ތެރެއިން އެންމެ ގިނައިން ހުށަހެޅިފައިވަނީ ބަހުގެ ހަމަލާ ދިނުމާއި ނަފްސާނީގޮތުން އަނިޔާ ކުރުމުގެ މައްސަލަތައް ކަމުގައިވާއިރު، ނަފްސާނީގޮތުން އަނިޔާ ކުރުމުގެ 293 މައްސަލަ ހުށަހެޅިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ދެވަނައަށް އެންމެ ގިނައިން ހުށަހެޅިފައިވަނީ ޖިސްމާނީ އަނިޔާގެ މައްސަލައެވެ. މި ބާވަތުގެ 292 މައްސަލަ ހުށަހަޅާފައިވާއިރު، ބިރުދެއްކުމުގެ 153 މައްސަލަ ހުށަހަޅާފައިވެއެވެ.
ގިނަ މައްސަލަ މާލެ ސަރަހައްދުން ހުށަހެޅިފައިވާއިރު، މާލެއިން ޖުމްލަ 215 މައްސަލަ ހުށަހެޅިފައިވެއެވެ. ހަމައެއާއެކު، ފުވައްމުލަކު ސިޓީން 55 މައްސަލައާއި، ހދ. އަތޮޅުން 51 މައްސަލަ ހުށަހެޅިފައިވެއެވެ.
ގެވެށި އަނިޔާގެ މައްސަލަތައް ހުށަހަޅާ މިންވަރު ފަހަކަށް އައިސް އިތުރުވަމުންދާކަމީ ފާހަގަކޮށްލަންޖެހޭކަމެކެވެ. ގެވެށި އަނިޔާގެ މައްސަލަތަކާ ގުޅިގެން އެހީއަށް އެދި ގުޅާނީ އެފްޕީއޭގެ ހޮޓްލައިން 1421 އަށެވެ.

