ވީއައިއޭ އިން އެއް އަހަރު ތެރޭ 2 މިލިއަން ކިލޯގެ ކާގޯ އުފުލައިފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން އެއް އަހަރު ތެރޭގައި 12 އެއާލައިނެއް މެދުވެރިކޮށް ތިން ގައުމެއްގެ 20 މަންޒިލަކަށް ދެ މިލިއަން ކިލޯގެ ކާގޯ ފޯރުކޮށްދީފައިވާ ކަމަށް އެ އެއާޕޯޓުން މިއަދު ހާމަކޮށްފިއެވެ.
މިދިޔަ އަހަރުގެ ކުރީކޮޅު ހުޅުވި އައު ކާގޯ ޓާމިނަލަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރޭގައި ހިމެނިގެން ތަރައްޤީކޮށްފައިވާ ވަސީލަތެކެވެ. މި ޓާމިނަލްގެ ސަބަބުން އަހަރަކު ޖުމުލަ 120،000 ޓަނުގެ ކާގޯގެ ހިދުމަތް ދެވޭނެ ގާބިލުކަން ވީއައިއޭ އަށް ލިބިގެން ގޮސްފައިވެއެވެ.
އާ ކާގޯ ޓާމިނަލުގައި ކުރީގެ ޓާމިނަލަށްވުރެ ގިނަ ވަސީލަތްތައް ގާއިމުކޮށްފައިވާއިރު، ތިމާވެއްޓާ ރަހުމަތްތެރި އުޅަނދުތައް ބޭނުންކުރަމުންދާކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން އާ ކާގޯ ޓާމިނަލުގައި ތިން ބުރިއަށް އިމާރާތްކޮށްފައިވާ އޮފީސް އިމާރާތެއް ހިމެނޭއިރު، އެއާލައިންތަކާއި ބްރޯކަރުންނަށް ޚާއްސަކޮށް 55 އޮފީހުގެ ޖާގަ ވަނީ ހަމަޖައްސާފައެވެ.
މި ޓާމިނަލް ބޭނުންކުރަން ފެށި ފަހުން ކާގޯ އުފުލާ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރެވޭއިރު، މި ކާމިޔާބީއާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ވަނީ ސަރަޙައްދީ ކާގޯ ހަބެއްގެ ގޮތުގައި އިތުރަށް ވަރުގަދަވެފައެވެ.

