ހުޅުމާލޭ ފިޒިއޯ ކްލިނިކުގައި ކުޑަކުއްޖަކަށް އެތަނުގެ މުވައްޒަފުން އަނިޔާކުރި މައްސަލާގައި މިހާރު ވާނީ ފިޔަވަޅު އަޅާފައި ކަމަށް އެ ކްލިނިކުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފިއެވެ.
އެ ކްލިނިކުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، “މިކަމުގައި ބައިވެރިވި ދެ މުވައްޒަފުންނާއި އެތަނުގައި އެވަގުތު ހުރި އެހެން މުވައްޒަފަކު ވާނީ ވަޒީފާއިން ވަކިކޮށްފައެވެ. އަދި ފުލުހުންނަށް ވަގުތުން މައްސަލަ ހުށަހަޅައި، ކަމާގުޅޭ ހުރިހާ ފުޓޭޖްތަކެއް ވާނީ ތަހުގީގަށްޓަކައި އެބޭފުޅުންނަށް ހުށަހަޅާފައެވެ.”
މި މައްސަލައިގައި ކަމާބެހޭ ފަރާތްތަކުން ކުރާ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން އެ ކްލިނިކުން ވަނީ ދީފައެވެ. އަދި މި ހާދިސާއާ ގުޅިގެން އެ ކްލިނިކް މިހާރު ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައި ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނެ ކަމަށާއި، ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމުކުރުމަކީ އެ ކްލިނިކުގެ އެންމެ އިސް އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

