ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރުމަށް ސިންގަޕޫރު ސަރުކާރުން އެ ގައުމުގެ ރައްޔިތުންނަށް އަންގާފައިވާ ކަމަށް ބުނެ ރާއްޖޭގެ ބައެއް މީޑިއާތަކުގައި ޝާއިޢުކުރަމުންދާ ހަބަރުތަކަކީ ދޮގު ހަބަރުތަކެއް ކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން މިއަދު ވަނީ ހާމަކޮށްފައެވެ.
ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، ރާއްޖެއާ ގުޅޭގޮތުން އެފަދަ އިލްތިމާސްއެއް ފަހުގެ ތާރީހެއްގައި ސިންގަޕޫރު ސަރުކާރުން ނެރެފައި ނުވާކަން އެ ގައުމުގެ ސަރުކާރުން ވަނީ ހާރިޖީ ވުޒާރާއަށް ކަށަވަރުކޮށްދީފައެވެ. އަދި މީސްމީޑިއާގައި ދައުރުވަމުންދާ ބަޔާނަކީ ސިންގަޕޫރު ސަރުކާރުން މިފަހުގެ ތާރީހެއްގައި ނެރެފައިވާ އިލްތިމާސެއް ނޫންކަންވެސް އެ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ހާރިޖީ ވުޒާރާއިން ވަނީ ރާއްޖެއާ އެކުވެރި ގާތް ގުޅުން ދަމަހައްޓަމުންދާ ގައުމުތަކާ ގުޅޭގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށާއި ރާއްޖޭގެ އިގްތިސާދަށް ނޭދެވޭ އަސަރުތަކެއް ކުރުމަކީ އެކަށީގެންވާ ކަމެއްކަން ފާހަގަކޮށްފައެވެ.
އަދި ހުރިހާ ފަރާތްތަކުންވެސް، ހަބަރުތައް ފޯރުކޮށްދިނުމުގައި ޒިންމާދާރުކަމާއެކު މަސައްކަތްކުރުމަށާއި، ހާއްސަކޮށް އެކުވެރި ގައުމުތަކާ ގުޅުވައިގެން ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް ހާރިޖީ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

