ރާއްޖޭގައި ޤަވާއިދުން ސްކޫލަށް ނުދާ ކަމަށް ފާހަގަ ކުރެވިފައިވަނީ 229 ކުދިން ކަމަށް ތަޢުލީމާއި ބެހޭ ވަޒީރު ޑރ. އިސްމާއީލް ޝަފީޢު ވިދާޅުވެއްޖެ އެވެ. މިއީ މާލެއިން 85 އަދި އަތޮޅުތެރެއިން 144 ކުދިން ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.
ވަޒީރު މި މަޢުލޫމާތު ހާމަކުރެއްވީ ރާއްޖޭގެ ކުޑަކުދިންގެ އާބާދީގެ 9،000 އަށް ވުރެ ގިނަ ކުދިން ސްކޫލަށް ނުދާ ކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސް ހިސާބަށް ބިނާކޮށް ނޫހަކުން ޝާއިޢުކޮށްފައިވާ ޚަބަރަކާ ގުޅިގެންނެވެ. ވަޒީރުގެ ވާހަކަފުޅުގައި، އެ ތަފާސް ހިސާބުތައް އެކުލަވާލާފައިވާ ގޮތް ގޯސްކަމަށް ފާހަގަކުރައްވައި، އޭގެ ތެރޭގައި އުމުރުން 2 އަހަރާއި 3 އަހަރުގެ ކުދިން ހިމަނާފައިވާ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު އެޑިޔުކޭޝަން މިނިސްޓަރުކަމާ ހަވާލުވެ އެންމެ ގިނަ މަސައްކަތްކުރަމުން މިދާ އެއްކަމަކީ ގްރޭޑް 10 ނިންމުމަށްފަހު ދަރިވަރުން މަތީސާނަވީގައި ބައިވެރިކުރެވޭ މިންވަރު މަތިކުރުމަށް ވާންޖެހޭ ތައްޔާރީތައް ވުމަށް،" ވަޒީރު ވިދާޅުވިއެވެ.
މިކަމާ ގުޅިގެން، މިދިޔަ އަހަރު 23 ސްކޫލެއްގައި ޕައިލެޓް ޕްރޮގްރާމެއް ފަށާފައިވާ ކަމަށާއި، އެ ޕްރޮގްރާމުން ލިބުނު މަޢުލޫމާތުގެ މައްޗަށް ބިނާކޮށް މި އަހަރު އޭލެވެލް ކިޔަވައިދޭ ހުރިހާ ސްކޫލެއްގައި މި ޕްރޮގްރާމް ތަންފީޒުކުރެވިގެންދާނެ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.
އެކި އެކި ގޮންޖެހުންތަކުގެ ސަބަބުން ސްކޫލަށް ނުދާ ދަރިވަރުން ފާހަގަކޮށް، ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން އެޑިޔުކޭޝަން މިނިސްޓްރީން އަބަދުވެސް ފިޔަވަޅު އަޅަމުންދާ ކަމަށާއި، ޒަމާނުއްސުރެ މަތީ ސާނަވީ މަރުހަލާއިން ދަރިވަރުން ބާކީކޮށް މަގުމަތިކުރަމުން އައި ސަގާފަތް ނައްތާލެވޭނެ ކަމަށް ވަޒީރު އިތުބާރު ފާޅުކުރެއްވިއެވެ.

