ނިންޖަކީ އިންސާނުންގެ ދިރިއުޅުމުގައި އެންމެ މުހިންމު އެއް ބޭނުމެވެ. ރަނގަޅު ނިދިއެއް ނުލިބުމުގެ ސަބަބުން އިންސާނާގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުތަކެއް ކުރެއެވެ. އެވްރެޖްކޮށް ކޮންމެ މީހަކަށްވެސް ދުވާލަކު 6-8 ގަޑިއިރުގެ ނިދި ބޭނުންވެއެވެ. ނަމަވެސް މިއަދު ވަރަށް ގިނަ ބަޔަކު ކުރިމަތިލާންޖެހިފައިވާ އެއް މައްސަލައަކީ ނިދި ނާންނަ މައްސަލައެވެ.
ނިދި ނާންނަ މައްސަލައިގެ އަލާމާތްތައް: ނިދި ނާންނަ މައްސަލައިގެ އެންމެ އާންމު އަލާމާތްތަކުގެ ތެރޭގައި އެނދަށް ވަތްކަމުގައިވިޔަސް ނިދަން އުނދަގޫވުން، ރޭގަނޑު ދޭތެރެ ދޭތެރެއިން ހޭލެވުން، އަދި އަނެއްކާ ނިދަން އުނދަގޫވުން ހިމެނެއެވެ. މީގެ އިތުރުން، ހެނދުނު ހޭލާއިރު ވަރުބަލިކަން އިހުސާސްވުމާއި، ދުވަހުގެ ތެރޭގައި ރަނގަޅަށް މަސައްކަތް ނުކުރެވުންވެސް ހިމެނެއެވެ.
ނިދި ނާންނަ ސަބަބުތައް:
ނިދި ނާންނަ މައްސަލަ ދިމާވުމުގައި ގިނަ ސަބަބުތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި:
- ކެފެއިން އެކުލެވޭ ބުއިންތައް ގިނައިން ބޭނުންކުރުން
- ދުވާލުގެ ވަގުތުތަކުގައި ގިނައިން ނިދުން
- ނިދާ ގަޑިތައް ހަމަޖެހިފައި ނެތުން
- ނަފްސާނީ ގޮތުން ކަންބޮޑުވުންތައް ހުރުން
- ނިދާ މާހައުލު ރަނގަޅު ނުވުން

ރަނގަޅު ނިދިއެއް ލިބުމަކީ ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް ކޮންމެހެން ބޭނުން ކަމެކެވެ.
ނިދި ނާންނަ މައްސަލައިގެ ހައްލުތައް
- ކެފެއިން އާ ދުރުހެލިވުން: ރޭގަނޑުގެ ވަގުތުތަކުގައި ކެފީން އެކުލެވޭ ބުއިންތަކާއި ކާނާއިން ދުރުހެލިވާންވާނެއެވެ. މީގެ ތެރޭގައި ކޮފީ، ޗާއި، އަދި ޗޮކްލެޓް ފަދަ ތަކެތި ހިމެނެއެވެ. އަދި ދުންފަތުގެ އިސްތިޢުމާލުން ވެސް ދުރުހެލިވާންވާނެއެވެ.
- ނިދުމުގެ އާދަތައް ރަނގަޅުކުރުން؛ ކޮންމެ ދުވަހަކުވެސް އެއް ގަޑިއެއްގައި ނިދަން އޮށޯވެ، އެއް ގަޑިއެއްގައި ހޭލުމަށް އާދަކުރަންވާނެއެވެ. ދުވާލުގެ ވަގުތުތަކުގައި ގިނަ ވަގުތު ނިދުމުން ދުރުހެލިވާންވާނެއެވެ. ކޮންމެހެން ބޭނުން ވެއްޖެނަމަ 30 މިނެޓަށްވުރެ ގިނަނުވާ ގޮތަށް މެންދުރުފަހު ނިދާލެވިދާނެއެވެ.
- ނިދުމުގެ ކުރިން ކުރަންވީ ކަންތައްތައް: ނިދުމުގެ ކުރިން ހޫނު ފެނުން ފެންވަރައި، ލުއި ފޮތެއް ކިޔާލުން ނުވަތަ ހިތްހަމަޖެހޭ މަޑުމައިތިރި މަސައްކަތެއް ކުރުމަކީ ރަނގަޅު ކަމެކެވެ. ޓީވީ ބެލުމާއި ފޯނު ބޭނުންކުރުން ފަދަ ކަންކަމުން ދުރުހެލިވާންވާނެއެވެ.
- ނިދާ މާހައުލު ރަނގަޅުކުރުން: ނިދާ ކޮޓަރީގެ ފިނިހޫނުމިން މެދުމިނުގައި ބަހައްޓައި، ވައި ދައުރުވާގޮތަށް ހަމަޖައްސަންވާނެއެވެ. އެނދުގެ ތަކެތި ސާފުތާހިރުކޮށް ބަހައްޓައި، މަޑު އަލިކަމެއް ބޭނުންކުރުމަކީ މުހިންމު ކަމެކެވެ.
ނިދި ނާންނަ މައްސަލައަކީ ފަރުވާ ހޯދަންޖެހޭ މުހިންމު މައްސަލައެކެވެ. މި މައްސަލައަށް ހައްލު ހޯދުމަށްޓަކައި އިސްވެ ދެންނެވުނު ކަންތައްތައް ގަވާއިދުން ކުރުމާއެކު، މައްސަލަ ގޯސްވަމުންދާނަމަ ޞިއްޙީ ފަރުވާ ހޯދުމަކީ މުހިންމު ކަމެކެވެ. ރަނގަޅު ނިދިއެއް ލިބުމަކީ ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް ކޮންމެހެން ބޭނުން ކަމެކެވެ.

