ގދ. ނަޑައްލާއިން މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ގދ. ނަޑައްލާއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަން ފަށައިފިއެވެ.
ގެއްލިގެން ހޯދަމުންދަނީ ހދ. ނޮޅިވަރަން، ސުހާނީ، އުމުރުން 34 އަހަރުގެ އާދަމް އިބްރާހިމްއެވެ.
މިއަހަރު މެއި 11 ވަނަ ދުވަހުގެ 14:00 އެހާކަންހާއިރު ގދ. ނަޑައްލާއަށް ކައިރިކުރި “ އިތުބާރު” ނަމަކަށް ކިޔާ ދޯނިން އެރަށަށް ފޭބުމަށްފަހު އެނބުރި ދޯންޏަށް އައިސްފައިނުވާތީއާއި އޭނާގެ އެއްވެސް ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 22:25 އެހާކަންހާއިރުއެވެ.
މި މަޢުލޫމާތު ލިބުމާއެކު ރޭގެ ވަގުތެއްގައި ފުލުހުންގެ ޓީމެއް ނަޑައްލާއަށް ގޮސް، ރަށުތެރެއާއި އެރަށް ކައިރީގައިވާ ފަޅު ރަށްތައް ބަލާފައިވެއެވެ. އަދި މިއަދުވެސް އޭނާ ހޯދުމަށްޓަކައި މަސައްކަތްދަނީ ކުރަމުންނެވެ.
އާދަމް އިބްރާހިމްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ގދ. ރަތަފަންދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 7909311 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

