މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަގާމަށް އާއިޝަތު އަސްނާ ހަމްދީ އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.
އަސްނާ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަގާމަށް އައްޔަނު ކުރަން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 73 މެންބަރުންގެ އިއްތިފާގުންނެވެ.
އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު އިމާދު ވަކިކުރުމުގެ މަސައްކަތް މަޖިލީހުން ފެށުމާ އެކު، އޭނާ އަމިއްލައަށް އިސްތިއުފާ ދިނުމާއި ގުޅިގެންނެވެ.
އެމްއެމްއޭގެ ހުސްވެފައިވާ ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އަސްނާ އައްޔަނުކުރުމަށް މަޖިލީހުގެ ރުހުން ހޯދަން ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާފައިވާ މައްސަލާގައި މާލިއްޔަތު ކޮމިޓީން މީގެކުރިން ފާސްކޮށްފައިވަނީ، އޭނާއަށް ރުހުން ދޭން ފެންނަ ކަމަށް، މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށެވެ.
އަސްނާ މިވަގުތު ހުންނެވީ މާލީ އިދާރާ ކުރިއެރުވުމާ ގުޅޭ އެމްއެމްއޭގެ ޑިޕާޓްމަންޓުގެ ވެރިޔާގެ ގޮތުގައެވެ.
އަސްނާއަށް މާލީ ދާއިރާގައި 20 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާއިރު، އެމްއެމްއޭގެ ހިދުމަތާ ގުޅިވަޑައިގަތީ 2008 ވަނަ އަހަރު އެވެ.

