އަތޮޅުތަކުގައި ޚުތުބާ ކިޔުމަށް ހުރި ދަތިތައް ހައްލުކުރުމުގެ މަޤްޞަދުގައި، ކައުންސިލަރުންނަށް ޚާއްސަ ކޮށްގެން ޚުތުބާ ކިޔުމުގެ ހުއްދަ ދިނުމަށް ކޯހެއް ފެށުމަށް އިސްލާމީ ކަންތައްތަކާބެހޭ މިނިސްޓްރީން ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވި ގޮތުގައި މި ކޯހަކީ ތިން މަސްދުވަހުގެ ކޯހެއް ކަމަށާއި، ޤުރުއާން މަރުކަޒު މެދުވެރިކޮށް ކުރިއަށް ގެންދާ މި ކޯހުގެ ކޮންމެ ބުރެއްގައި 50 ކައުންސިލަރުންނަށް ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. “ކައުންސިލަރުންގެ ތެރޭގައި މިކަމަށް ޝައުޤުހުރި ފަރާތްތަކަށް، ޚަޠީބުކަމުގެ 3 މަސް ދުވަހުގެ ކޯހެއް ޤުރުއާން މަރުކަޒު މެދުވެރިކޮށް ގެންދަންވަނީ ނިންމާފަ،” ވަޒީރު ވިދާޅުވިއެވެ.
މި ކޯހުގައި ޚަތީބުކަމަށް ބޭނުންވާ ފިޤުހު، ޤުރުއާން، ޢަޤީދާ އަދި ހަދީސް ކިޔަވައިދެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ޤުރުއާން ފިޔަވައި އެހެން މާއްދާތައް އޮންލައިންކޮށް ކުރިއަށް ގެންދެވޭނެ ކަމަށާއި، ޤުރުއާން ކިޔަވައިދެވޭނީ ކައުންސިލަރުން މާލެ އައިސްގެން ނުވަތަ އަތޮޅުތަކުގައި ހުރި ޤުރުއާން މަރުކަޒުގެ ގޮފިތައް މެދުވެރިކޮށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ޕްރޮގްރާމުގައި ކިޔަވައިދެއްވާނީ ފުންނާބު އުސް އިލްމުވެރިން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މި ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަހަރުގެ ޖޫން 1 ވަނަ ދުވަހު ހުޅުވާލެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިހާރުވެސް ސަރުކާރުން ދަނީ ދީނީގޮތުން ހަރުދަނާ ލީޑަރުން އުފެއްދުމަށާއި ޒުވާން ޚަތީބުން ތަމްރީން ކުރުމަށް ކާމިޔާބު ގިނަ ޕްރޮގްރާމްތަކެއް ހިންގަމުންނެވެ. މި އައު ޕްރޮގްރާމަކީވެސް އެފަދަ މަސައްކަތްތަކުގެ ތެރެއިން އަނެއް ފިޔަވަޅެކެވެ.

