ދިވެހިރާއްޖެއިން މިއަހަރު ހައްޖަށްދާ މީހުންނަށް އިތުރު 1،750 ޑޮލަރުގެ ލިމިޓެއް ހަމަޖައްސަން ބޭންކް އޮފް މޯލްޑިވްސްގައި އެދިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، މިއީ ހައްޖަށް ވަޑައިގަންނަވާ ފަރާތްތަކަށް ބޭންކުގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއިފަސޭހަ ހައްލެއް ހޯދައިދިނުމަށް އަޅާ ފިޔަވަޅެކެވެ. މި ލިމިޓަކީ ކޮންމެ ހައްޖުވެރިއެއްގެ ބީއެމްއެލް ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން ދެވޭ އަދަދެކެވެ.
ސަރުކާރުން ދަނީ ހައްޖުވެރިންނަށް އިތުރު ލުއިފަސޭހަތައް ހޯދައިދިނުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން އިސްލާމިކް މިނިސްޓްރީން ފާހަގަކުރި ގޮތުގައި، ދިވެހިރާއްޖެ ވަނީ "މައްކާ ރޫޓް" އިނީޝިއޭޓިވްގައި ހިމެނިފައެވެ. މި އިނީޝިއޭޓިވްގެ ދަށުން، ހައްޖުވެރިންނަށް ޖިއްދާ އެއަރޕޯޓުގެ އިމިގްރޭޝަން މަރުހަލާތައް ފުރިހަމަކުރުމަކާ ނުލައި، ސީދާ ހޮޓަލަށް ދެވޭނެއެވެ.
ރައީސް ޑރ މުއިއްޒު ވަނީ ދިވެހި ރައްޔިތުންގެ ބޭންކެއްގެ ގޮތުގައި ކުރައްވަމުން ގެންދަވާ ގިނަގުނަ މަސައްކަތްތަކަށްޓަކައި ބޭންކް އޮފް މޯލްޑިވްސްއަށް ޝުކުރު އަދާކުރައްވާފައެވެ. މައްކާ ރޫޓުގެ ފުރުސަތު މިހާތަނަށް ދީފައިވަނީ މެލޭޝިއާ، އިންޑޮނޭޝިއާ، އަދި ޕާކިސްތާނު ފަދަ ހައްޖުވެރިން އެންމެ ގިނައިން ފޮނުވާ ޤައުމުތަކަށެވެ.

