އިމާރާތަކުން ވެއްޓި ހައްވާ ޔުމްނު ރަޝީދަށް އަނިޔާތަކެއް ލިބުނު މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ޚާއްސަ އިންކުއަރީ ކޮމިޝަނުން ރައުދު އަހުމަދު ޒިލާލާ ސުވާލުކޮށްފިއެވެ. މިއީ މި މައްސަލައިގެ ތަހުގީގު ފެށުނުފަހުން ރައުދާ ސުވާލު ކުރި ފުރަތަމަ ފަހަރެވެ.
ކޮމިޝަނުން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މި މައްސަލައާ ގުޅޭގޮތުން ރައުދުއާ ބައްދަލުކޮށް ސުވާލުކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގައި ކޮމިޝަނުން ވަނީ އާންމުންގެ އެހީތެރިކަމަށް އެދި، ޚާއްސަ ޕޯޓަލެއް ހުޅުވާފައެވެ. މި ޕޯޓަލް މެދުވެރިކޮށް، ހާދިސާއާ ގުޅޭ މަޢުލޫމާތު، ފޮޓޯ، ވީޑިއޯ އަދި އެހެނިހެން ލިޔެކިޔުންތައް ކޮމިޝަނާ ހިއްސާކުރެވޭނެއެވެ. އަދި ކޮމިޝަނުގެ މަސައްކަތާ ގުޅޭގޮތުން އުފެދޭ ސުވާލުތައްވެސް މި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެއެވެ.
މި މައްސަލައާ ގުޅިގެން ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ، “ކޮމިޝަނުން ނިންމާ ނިންމުން ނުވަތަ އެކުލަވާލާ ރިޕޯޓުގައި އޮންނަ ކޮންމެ ގޮތަކަށްވެސް ފިޔަވަޅު އަޅާނަން” ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީންގެ އިސްތިއުފާއަށް ގޮވާލަމުންދާއިރު، ހޯމްލޭންޑް މިނިސްޓަރު ޢަލީ އިޙްސާންގެ އިސްތިއުފާއަށްވެސް ގޮވާލަމުންދާކަން ފާހަގަކުރެއްވިއެވެ.
ކޮމިޝަނުގެ މެމްބަރު، ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެފައިވަނީ ރިޔާސީ ކޮމިޝަނުގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމާލުމަކީ އަމާޒުކަމަށެވެ. ކޮމިޝަނަށް ލިބިދޭ ބާރުތަކުގެ ތެރޭގައި ތަހުގީގުތަކަށް ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ އެހީތެރިކަން ހޯދުމާއި، ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދުން ހިމެނެއެވެ.
މީގެ އިތުރުން ކޮމިޝަނަށް ލިބިދޭ ބާރުތަކުގެ ތެރޭގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ، ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ބާރު ބޭނުންކުރުމާއި، ހައްޔަރު އަމުރާއި، ޖިނާއީ ތަހުގީގުތަކާއި ގުޅޭ އެންމެހައި ކޯޓު އަމުރުތަކަށް ކޯޓުގައި އެދުމުގެ ބާރު ހިމެނެއެވެ.

