މޫސުމާ ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރުން މިއަދު މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފިއެވެ.
މިގޮތުން މިއަދު އިރުއޮއްސި 06:15 އާ ހަމައަށް މުޅި ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް އެ އިދާރާއިން ވަނީ އަންގާފައެވެ.
މެޓް އޮފީހުން މައުލޫމާތު ދެމުން ބުނެފައިވަނީ، ވައިޓް އެލާޓް ނެރެފައިވާ ގަޑިތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި މި މުއްދަތުގައި ކަނޑުތައްވެސް ގަދަވާނެކަމަށް އެ އިދާރާއިން ވަނީ އިންޒާރު ދީފައެވެ.
މީގެ އިތުރުން، މިއަދު ހެނދުނުން ފެށިގެން އެކެއް ޖެހުމާ ހަމައަށް ފ އަތޮޅުން ފެށިގެން އައްޑޫސިޓީއާ ހަމައަށްވެސް ވައިޓް އެލާޓް ނެރެފައިވާކަން ފާހަގަކުރެވެއެވެ. މިއީ ރާއްޖޭގެ ދެކުނު ސަރަހައްދުގެ މޫސުން ވަކިން ގޯސްވެދާނެކަމަށް ބެލެވޭތީ އަޅާފައިވާ ފިޔަވަޅެކެވެ.
މެޓް އޮފީހުން އިތުރަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވުމާ ގުޅިގެން، ކުރިއަށްއޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަވެ، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
މޫސުން ގޯސްވެ، ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ، މެޓް އޮފީހުން ވަނީ ކުރިއަށް އޮތް ތިން ދުވަހު މޫސުމަށް ސަމާލުވުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ. އަދި ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ބަލައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްވެސް އިރުޝާދު ދީފައިވެއެވެ.

