ހުޅުމާލޭގައި ހުންނަ ކްލިނިކަކުން ތެރަޕީ ނަގަން ދިޔަ ކުޑަކުއްޖަކަށް ޖިސްމާނީ ގޮތުން އަނިޔާ ކުރި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށް، ކްރިމިނަލް ކޯޓަަށް ހާޒިރުކޮށް ބަންދުކޮށްފިއެވެ. ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މިމައްސަލައިގަ ހައްޔަރުކޮށްފައި ވަނީ އިންޑިޔާގެ ދެ އަންހެނެއް ކަމަށާއި މި ދެ އަންހެނުން ހައްޔަރުކުރުމަށްފަހު ކޯޓުގެ މުއްދަތުކޮމިޓީ އިން މިދެމީހުން ވަނީ ބަންދަށް މުއްދަތު ޖަހައިފައެވެ.
ފުލުހުން އެ ދެމީހުންގެ އިތުރު ތަފުސީލު ހާމަކުރަމުން ބުނީ މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ރަޖެޝްވަރީ ސިވަކުމާރު އާއި 24 އަހަރުގެ އެޝާ އެންޓޮނެޓް ކަމަށެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން 2025 މެއި 11 ވަނަ ދުވަހުގެ ރޭގަ އެވެ.
މި މައްސަލައިގައި ތުހުމަތުކުރެވެނީ 2025 މެއި 5 ވަނަ ދުވަހު ހުޅުމާލޭގައި ހުންނަ ކްލިނިކަކަށް ތެރަޕީ ނަގަން ގޮސްފައިވާ ކުޑަކުއްޖަކަށް ޖިސްމާނީ ގޮތުން އަނިޔާވާފަދަ އަމަލުތަކެއް ހިންގާފައިވާ ކަމަށެވެ. ހައްޔަރުކުރެވުނު ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލައަކީ މީސް މީޑިއާގައި ވަރަށް ބޮޑަށް ފެތުރިގެން ދިޔަ މައްސަލައެކެވެ. އެގޮތުން މީސް މީޑިއާގައި ދައުރުވި ވީޑިއޯއެއްގައި ފެނިގެން ގޮސްފައިވަނީ ނޫކުލައިގެ ހެދުމެއް ލައިގެން ހުރި އަންހެނަކު އެ ކުއްޖާއަށް އަނިޔާކުރާ މަންޒަރާއި، ކަތުރެއް ކަމަށް ބެލެވޭ ތޫނު އެއްޗެއް ގެންގުޅޭ މަންޒަރެވެ.
ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

