ހަންގަނޑުގެ ކުރަކިކަމާއި ކުދިރޫޖެހި ހަންގަނޑު މުސްކުޅިވުމުން ދުރުކޮށް، ބިހިތަކާއި ބްލެކް،ވައިޓްހެޑާއި އޭގެ ލަކުނުތައް ފިލުވައިދިނުމަށާއި، ރަތްވުން ކުޑަކުރުމަށާއި، ހަމުގެ ހިކިކަން ދުރުކޮށް ތާޒާކޮށް ފިނިކޮށްދިނުމަށް އެންމެ މަޝްހޫރު އެއް ބާވަތަކީކިއުކަމްބާ އެވެ. ތަރުކާރީއަކަށް ވިޔަސް މިއީ މޫނާއި ގައިގެ ހަންގަނޑަަށް ފިނިކޮަށް ތާޒާކަން މަތީ ދަމަހައްޓާ އެކިއެކި މާއްދާތަކުގެ އިތުރުން ހަންގަނޑަށް ފަރުވާ ދިނުމުގައި ވެސް ކިއުކަމްބާގައި ގިނަ ފައިދާތަކެއް އެކުލެވިގެން ވެއެވެ. ހަގީގަތުގައި އޭގައި ހިމެނޭ އެންމެ މަތީ ފެންވަރުގެ އެންޓިއޮކްސިޑެންޓް ކޮންޓެންޓްގެ ސަބަބުން ބިހިތަކުން ސަލާމަތްވެ، ހަމަ އެއާއެކު ހަންގަނޑު ޒުވާންކަމުގަ ދަމަހައްޓަދީ ދުޅަހެޔޮކަންމަތީ ބަހައްޓާ ދެއެވެ!
ކިއުކަމްބާ އަކީ %96 ފެން ކަމުން އިންތިހާއަށް ހައިޑްރޭޓް ކުރާ އެއްޗެކެވެ. އަދި ވިޓަމިން އޭ، ބީ1، ބީ2، ސީ އަދި ކޭގެ އިތުރުން ޒިންކް، ދަގަނޑު އަދި މެންގަނީޒް ފަދަ މިނަރަލްސް ވެސް ގިނަ އެވެ. މި ޕްރޮޕަޓީތަކުގެ ސަބަބުން މިއީ ރަތްވުމާއި ދުޅަވުން ހަމައަކަށް އެޅުވުމަށް އެހީތެރިވެދޭ ވަރުގަދަ އެންޓި-އިންފްލެމެޓަރީ އޭޖެންޓެއްގެ އިތުރުން އަވި ދިނުމުން މޫނާއި ގައިގެ ހަންގަނޑަށް ދިމާވާ ބޮޑެތި މައްސަލަތަކާ ދެކޮޅަށް ހަނގުރާމަކުރާ އެންޓިއޮކްސިޑެންޓްތަކުގެ މޮޅު އެހީތެރި އެކެވެ.
ކިއުކަމްބާގައި ވަރުގަދަ އެންޓިއޮކްސިޑެންޓްސް އެކުލެވިގެންވާއިރު، ހަށިގަނޑުގައި ހުންނަ ފްރީ ރެޑިކަލްސް ގެ ސަބަބުން ލިބޭ ގެއްލުންތަކާ ދެކޮޅަށް ހަނގުރާމަ ކުރެއެވެ. އަދި ކޮލަޖަން އުފެއްދުމަށް ބޭނުންވާ ވިޓަމިން ސީ އާއި ސިލިކާ ވެސް ކިއުކަމްބާގައި ހިމެނެ އެވެ. މީގެ އިތުރުން ކިއުކަމްބާގައި އެންޓި-އިންފްލެމެޓަރީ ޕްރޮޕަޓީސް ތަކެއް ހުރުމުން ހަންގަނޑުގައި ދުޅަވުމާއި ރަތްވުން ކުޑަކުރުމަށް އެހީތެރިވެދެއެވެ.
ކިއުކަމްބާ އަކީ ފިނިކޮށްދޭ އެއްޗަކަށް ވާތީ، ކުރަކިވެ، ހަރުވާ ހަންގަނޑު ހަމައަކަށް އެޅުވުމަށް ފުރިހަމަ އެހީތެރިއަކަށް ކިއުކަންބާ ވެގެންދެއެވެ. އަދި އަވިން އަނދާ ހުލިވުމާއި އެހެނިހެން ބާވަތްތަކުގެ ހަންގަނޑު ދުޅަވުން ފިލުވައިދިނުމަށް ވެސް ކިއުކަމްބާ އެހީތެރިވެދެ އެވެ. ކިއުކަމްބާގައި އެންޓި-އިންފްލެމެޓަރީ އަދި އެންޓި-އޮކްސިޑެންޓް ޕްރޮޕަޓީސް ގިނަ ކަމުން ނާޒުކު ނުވަތަ ރޭޝްވުމާއި ހަރުވުން ހުންނަ ހަންގަނޑުން މިއުނދަގޫތައް ފިލުވައިދިނުމަށް މިއީ މޮޅު އެކުވެރިއެކެވެ. ކިއުކަމްބާގައި ވެސް ގިނަ އަދަދަކަށް ފެން ހުންނަ ކަމުން މޫނުގައި އުނގުޅުމަކީ މޫނުގެ ހަމުގެހިކިވުން ދުރުކޮށްދީ މުސްކުޅިވުމުގެ އަލާމާތްތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. އަދި ހަންގަނޑު ކުރަކިވެ ރޭޝްވުމުން ހަންގަނޑުގައި ރިއްސުން ފަދަ ކަންކަމުގައި ވެސް ކިއުކަމްބާ ބޭނުން ކުރެވިދާނެ އެވެ. ސަބަބަކީ އެއީ އެންޓި މައިކްރޯބިއަލް އަދި އެންޓި އިންފްލެމެޓަރީ ޕްރޮޕަޓީސް ތަކެއް އޭގައި އެކުލެވޭތީއެވެ.
ބިހިތަކާ ދެކޮޅަށް ހަނގުރާމަކޮށް، ބިހިތަކާއި ބްލެކް،ވައިޓްހެޑް ނައްތާލުމުގައި ކިއުކަމްބާ އަކީ އިންތިހާއަށް ބޭނުންތެރި އެއްޗެކެވެ. އަދި ވިޓަމިން އޭ އިން މުއްސަނދި ކަމުން ބިހި، އޮށާޅައިގެ ޒަހަމްތަކުގެ އިތުރުން ބްލެކްވައިޓް ހެޑްތަކުން ދުރުވުމަށް އެހީތެރިވެދެއެވެ. ވިޓަމިން އޭ އަކީ ވެސް ހަމުގަ ކުދިރޫ ޖެހުން ނުވަތަ ހަންގަނޑުމުސްކުޅިވުމާ ދެކޮޅަށް މަސައްކަތްކުރާ ވަރުގަދަ މާއްދާއެއް ކަމުން ލޮލުގެ ވަށައިގެންވާ ކަޅުކަމާއި ކުދިރޫތައް ކުޑަކުރުމަށް އެހީތެރިވެދެ އެވެ. ކިއުކަމްބާގައި އެކުލެވިގެންވާ ގުދުރަތީ ސެލިސިލިކް އެސިޑުން ހަންގަނޑު އޮމާންކޮށްދެއެވެ. ކިއުކަންބާ ފޮއްޗެއް އުނގުޅާލުމުން ހަންގަނޑަށް ތާޒާކަން އަންނާނެއެވެ. އަދި ވިޓަމިން އޭ އެކުލެވޭ މިންވަރު ބޮޑުކަމުން ބިހިތކަށްފަހު ހުންނަ ލަކުނުތަކުގެ ކުލަ ފަނޑު ކޮށްލުމަށް ވެސް ކިއުކަމްބާ އެހީތެރިވެދެ އެވެ.
ކިއުކަމްބާގައި ގިނަ އަދަދަކަށް ހިމެނޭ ވިޓަމިން ސީ އަކީ ކޮލަޖަން އުފެއްދުމަށް ކޮންމެހެން ބޭނުންތެރި އެއްޗެކެވެ. ވިޓަމިންސް، މިނަރަލްސް، އަދި ވިޓަމިން ސީ، ބީޓާ ކެރޮޓީން، އަދި ފްލެވަނޮއިޑްސް ފަދަ އެންޓިއޮކްސިޑެންޓްސް ވެސް ކިއުކަމްބާގައި ގިނަ އެވެ.
މި ނިއުޓްރިއެންޓްސް އަކީ ދުޅަހެޔޮ ހަންގަނޑަކަށް ކޮންމެހެން ބޭނުންތެރި މާއްދާތަކެކެވެ. ވިޓަމިން ބީ ދުޅަހެޔޮ ކުލައަކަށް ރަނގަޅަށް މަސައްކަތް ކުރާއިރު، ވިޓަމިން ކޭ އަކީ ލޭ ދައުރުވުމަށް ފައިދާހުރި އަދި ލޮލުގެ ކައިރީގައާއި ވަށައިގެން ހުންނަ ކަޅުވުން ދުރުކޮށްދޭ އެއްޗެކެވެ. ކިއުކަމްބާގައި ބީޓާ ކެރޮޓީން ވެސް ހިމެނޭއިރު، މިއީ ހަންގަނޑު އަލިކޮށް އުޖާލާކޮށްދީ ކުރަކިވެ ކުދިރޫޖެހުން، ހަމުގެމުސްކުޅިވުމާ ދެކޮޅަށް މަސައްކަތްކުރާ ވިޓަމިނެއް މެއެވެ.. އަދި އަވިން ލިބޭ ގެއްލުންތަކާއި ހައިޕަރޕިގްމެންޓޭޝަން އަށް ފަރުވާ ދިނުމަށް ވެސް ކިޔުކަންބާގެ އެހީތެރިކަން ބޮޑެވެ.
މިހުރިހާ ސަބަބުތަކަށްޓަކައި ގިނައިން ރޯ ކިޔުކަންބާ ކެއުމާއެކު މޫނާއި ގައިގެ ހަންގަނޑު ދޮވެ ފޭޝަލް، ބޮޑީކްލީނިންގައި ކިޔުކަންބާ ގިނައިން ހިމަނާށެވެ. ނަތީޖާ އިސާހިތަކު ފެންނާނެއެވެ.

