މޫނުގައި ބިހި ނެގުމަކީ ޒުވާން އަންހެން ކުދިންގެ މެދުގައި ވަރަށް ބޮޑަށް ކަންބޮޑުވާ މައްސަލައެކެވެ. ޚާއްޞަކޮށް ޓީނޭޖް އުމުރުގައި މި މައްސަލަ ވަރަށް އާންމުކޮށް ދިމާވެއެވެ. ނަމަވެސް ގިނަ ބަޔަކު މި މައްސަލައަށް ޙައްލު ހޯދަން އުޅޭއިރު ގެންގުޅޭ ބައެއް އާދަތަކަކީ މައްސަލަ އިތުރަށް ގޯސްވެ، ދެމިގެން ދިއުމަށް މަގުފަހިވާ ކަންތައްތަކެވެ.
ބިހި ނެގުމުގެ މައިގަނޑު ސަބަބުތައް: މޫނުގައި ބިހި ނެގުމަކީ ގިނަފަހަރު ހަމުގެ ދަށުގައި ހުންނަ ތެޔޮ އުފައްދާ ގްލޭންޑްތަކުން އާދަޔާ ޚިލާފަށް ގިނައިން ތެޔޮ އުފެއްދުމުގެ ސަބަބުން ދިމާވާ ކަމެކެވެ. މީގެ އިތުރުން ހަށިގަނޑުގެ ހޯމޯން ބަދަލުވުމާއި، ކާ ކާނާގެ ބާވަތްތަކާއި، ނުބައި އާދަތަކުގެ ސަބަބުން ވެސް ބިހި ނެގުން އިތުރުވެއެވެ.
ބިހި ކޮށްޓުމުގެ ނޭދެވޭ އަސަރުތައް: ބިހި ކޮށްޓުމަކީ ވަރަށް ގިނަ ބަޔަކު ކުރާ ކަމެއް ނަމަވެސް، އެއީ ވަރަށް ނުރައްކާތެރި އަދި ގެއްލުންހުރި ކަމެކެވެ. ބިހި ކޮށްޓުމުން އޭގައި ހުންނަ ޖަރާސީމުތައް މޫނުގެ އެހެން ހިސާބުތަކަށް ފެތުރި، އިތުރު ބިހި ނެގުމަށް މަގުފަހިވެއެވެ. ނިޔަފަތީގެ ސަބަބުން ވިހަވެ ހަންގަނޑު ހަލާކުވުންވެސް ގާތެވެ. އަދި މީގެ ސަބަބުން މޫނުގައި ދާއިމީ ނިޝާންތައް ވެސް ހުރެދާނެއެވެ.
ބިހި ނެގުމަށް ހައްލެއް؛ މިކަމަށް ފަރުވާކުރުމަށް އެންމެ ރަނގަޅު ގޮތްތަކުގެ ތެރޭގައި:
- ދުވާލަކު މަދުވެގެން 3 ފަހަރު ސާފު ފެނުން މޫނު ދޮވުން
- ހަފްތާއަކު 2 ފަހަރު މޫނު ސްޓީމްކުރުން
- މައިލްޑް ކްލީންސަރ ބޭނުންކުރުން
- އޮއިލް-ފްރީ ކޮސްމެޓިކްސް ބޭނުންކުރުން
- ޚާއްޞަ މޫނު މާސްކް އެޅުން
ގޭގައި ތައްޔާރުކުރެވޭ ޤުދުރަތީ ފަރުވާތައް؛ ގޭގައި ތައްޔާރުކުރެވޭ ޤުދުރަތީ ފަރުވާތަކުގެ ތެރޭގައި ކިޔުކަންބާ އާއި ފިނިފެން މިކްސްކޮށްގެން ހަދާ ޓޯނަރ އާއި، ބިހުގެ ރީނދޫބައި، ޔޯގަޓް، ރީނދޫ އަދި ހުދުކެލާ ބޭނުންކޮށްގެން ހަދާ މާސްކް ހިމެނެއެވެ. މިފަދަ ޤުދުރަތީ ފަރުވާތަކަކީ ވެސް ބިހި ކޮންޓްރޯލްކުރުމަށް ވަރަށް ފައިދާހުރި އެއްޗެކެވެ.
ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް؛ ބިހިނެގުމުން ސަލާމަތްވުމަށް ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް ވަރަށް މުހިންމެވެ. މީގެ ތެރޭގައި:
- ގިނައިން ފެންބުއިން
- ރަނގަޅަށް ނިދުމުގެ އާދަތައް ހަރުލެއްވުން
- ތެޔޮ ގިނަ ކާނާއިން ދުރުހެލިވުން
- ގިނައިން މޭވާއާއި ތަރުކާރީ ކެއުން
- ބާލީހުގެ އުރަ އަވަސް އަވަހަށް ބަދަލުކުރުން
- އަނެކުންގެ މޫނުގައި ހާކާ މޭކަޕްފިހި، ފުށްމާގަނޑުފަދަ ތަކެއްޗާއި ތުވާލި ފަދަ ތަކެތި ބޭނުން ނުކުރުން
މޫނުގައި ނަގާ ބިހިތަކަކީ ރަނގަޅު ފަރުވާއާއި ސަމާލުކަން ދިނުމުން ކޮންޓްރޯލް ކުރެވިދާނެ ކަމެކެވެ. އެހެންކަމުން، ކެތްތެރިކަމާއެކު ރަނގަޅު ފަރުވާތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެކެވެ. އަދި ބިހި ކޮށްޓުން ފަދަ ނުރައްކާތެރި އާދަތަކުން ދުރުހެލިވުމަކީ ވެސް މުހިންމު ކަމެކެވެ.

