ކޮންމެ ގައުމެއްގެވެސް އިގްތިސާދާއި، މާލީ ގާބިލުކަން ވަޒަންކުރުމުގައި ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީތަކުން ދޭ ރޭޓިންތަކަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. މިގޮތުން، ދުނިޔޭގެ މަގުބޫލު އެއް އެޖެންސީ ކަމަށްވާ “ފިޗް ރޭޓިން” އިން ރާއްޖެއަށް ދީފައިވާ ރޭޓިންއަކީ ރާއްޖޭގެ އިގްތިސާދީ މިސްރާބު ހުރިގޮތް ދެނެގަތުމަށް އޮތް މުހިންމު މިންގަނޑެކެވެ.
ރާއްޖޭގެ މިހާރުގެ އިގްތިސާދީ ހާލަތަށް ބަލާއިރު، އެންމެ ބޮޑު ގޮންޖެހުމަކީ ދައުލަތުގެ ދަރަނި ބޮޑުވުމެވެ. ފާއިތުވި އަހަރުތަކުގައި ތަރައްގީގެ އެކި މަޝްރޫއުތަކަށް ނަގާފައިވާ ބޮޑެތި ލޯނުތަކާއި، ބައިނަލްއަގުވާމީ ބާޒާރުގައި ތަކެތީގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލީ ފުދުންތެރިކަމަށް ވަނީ ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ. ފިޗް ރޭޓިންއިން ރާއްޖޭގެ ރޭޓިން ކަނޑައަޅާފައިވާއިރު، މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ، ބޭރުގެ ދަރަނި އަދާކުރުމުގައި ހުރި ނުރައްކާތަކާއި، ބޭރު ފައިސާގެ ރިޒާވް ދަށްވުމެވެ.
މި ނާޒުކު ދަނޑިވަޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ގައުމުގެ އިގްތިސާދު ސަލާމަތްކޮށް، ދަރަނި ކުޑަކުރުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. މީގެ ތެރޭގައި ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި، ސަރުކާރުގެ ކުންފުނިތައް ހިންގުން ހަރުދަނާކުރުމާއި، އިސްލާހީ ބަދަލުތައް ގެނައުން ހިމެނެއެވެ. ހާއްސަކޮށް، ބޭރުގެ ދަރަނިތައް ރީސްޓްރަކްޗަރ ކުރުމަށް ރައީސް ކުރައްވާ މަސައްކަތްޕުޅަކީ އިގްތިސާދީ ހަމަޖެހުން ގާއިމުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
ރާއްޖޭގެ އިގްތިސާދީ މުސްތަގްބަލާމެދު އުންމީދު ކުރެވެނީ، މިހާރު ފަށާފައިވާ އިސްލާހީ މަސައްކަތްތަކާއެކު ގައުމުގެ މާލީ ހާލަތު ރަނގަޅުވެގެންދާނެ ކަމަށެވެ. ފަތުރުވެރިކަމުގެ ދާއިރާ ފުޅާކުރުމާއި، އާ އާމްދަނީ ހޯދޭނެ ވަސީލަތްތައް ގާއިމުކުރުމަކީ ރާއްޖޭގެ ކްރެޑިޓް ރޭޓިން އަލުން މަތިވުމަށް މަގުފަހިވާނެ ކަންކަންވެސް މެއެވެ. ސަރުކާރުގެ އަމާޒަކީ ދެމެހެއްޓެނިވި ގޮތެއްގައި އިގްތިސާދު ކުރިއަށް ގެންގޮސް، ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ހޯދައި، ދިވެހި ރައްޔިތުންނަށް ފާގަތި މުސްތަގްބަލެއް ހޯދައިދިނުމެވެ.
ޖުމްލަގޮތެއްގައި ބުނާނަމަ، ފިޗް ރޭޓިންއިން ދައްކައިދެނީ އިސްލާހުކުރަންޖެހޭ ކަންތައްތަކެވެ. ރައީސްގެ އިސްނެންގެވުމާއެކު ކުރެވެމުންދާ މަސައްކަތްތަކަކީ މި ގޮންޖެހުންތަކުން އަރައިގަނެ، ގައުމުގެ އިގްތިސާދު އާ އުސްމިންތަކަކަށް ގެންދިއުމަށް ކުރެވޭ އުންމީދީ ދަތުރެކެވެ
އެގޮތުން ދުނިޔޭގެ މަޝްހޫރު ރޭޓިންގް އެޖެންސީއެއް ކަމަށްވާ ފިޗް ރޭޓިންގްސް އިން ދާދި ފަހުން ރާއްޖޭގެ ރޭޓިންގްއާއި، ގުޅިގެން ނެރުނު ރިޕޯޓްގަ ރާއްޖޭގެ އިގްތިސާދީ އަދި މާލީ ދާއިރާގައި ވަނީ ބޮޑެތި ބަހުސްތަކެއް އުފެދިފައެވެ. މިއީ ރާއްޖޭގެ މާލީ ހާލަތާއި، ދަރަނި ދެއްކުމުގެ ގާބިލުކަމަށް ބަލައި ނެރެފައިވާ ނިންމުމެކެވެ.
ފިޗް ރޭޓިންގްގައި ދިފައި ރޭންކުންވެސް ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުންތަކެއް އެބައޮތެވެ. އެގޮތުން ބޭރުގެ މާލީ ބާޒާރުތަކުން ލޯނު ހޯދުމަށް ހުރަސްތަކެއް ކުރިމަތިވެދާނެއެވެ. މީގެ ކުރިން އޮތް ދަރަނީގެ ސަބަބުން ބޭރުގެ އިންވެސްޓަރުން ރާއްޖެއަށް ކުރާ އިތުބާރު ކުޑަވެ، ލޯނު ނަގާއިރު ދައްކަންޖެހޭ އިންޓަރެސްޓް ރޭޓް ބޮޑުވެގެންދެއެވެ. މީގެ އިތުރުން، ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވަށް ކުރިމަތިވެފައިވާ ތާށިކަމުގެ ސަބަބުން، މުދާ އިމްޕޯޓް ކުރުމަށާއި ބޭރުގެ ދަރަނިތައް އަދާކުރުމުގައި ދަތިތަކެއް ކުރިމަތިވުމުގެ ބިރު އެބައޮތެވެ.
މިކަމަށް ސަރުކާރުން ހޯދާފައިވާ ހައްލުތަކަށް ބަލާއިރު، މި ހާލަތުން އަރައިގަތުމަށްޓަކައި ސަރުކާރުން ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. އޭގެ ތެރޭގައި ޚަރަދު ކުޑަކުރުމަށް ދައުލަތުގެ ބޭކާރު ޚަރަދުތައް ކުޑަކޮށް، ފިސްކަލް ރިފޯމްތައް ތައާރަފްކުރުމައި، އާމްދަނީ އިތުރުކުރުމަށް ޓެކްސްގެ ނިޒާމަށް ބަދަލު ގެނެސް، ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރެވޭނެ މަގުތައް ހޯދުން ވެސް ހިމެނެއެވެ.
މާލީ އެހީތެރިކަމާއިއެކު ބައިނަލްއަގުވާމީ މާލީ އިދާރާތަކާއެކު މަޝްވަރާކޮށް، ދަރަނި ރީސްޓްރަކްޗަރ ކުރުމުގެ ފުރުސަތުތައް ވެސް ދަނީ ހޯދަމުުނެވެ.
ރޭޓިންގް ދަށްވި ނަމަވެސް، ރާއްޖޭގެ އިގްތިސާދުގެ މައިނާރު ކަމުގައިވާ ފަތުރުވެރިކަމުގެ ދާއިރާ އަންނަނީ ބާރުމިނެއްގައި ކުރިއަރަމުންނެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުން ދިއުމަކީ އިގްތިސާދީ ކުރިއެރުމަށް ލިބޭ ބޮޑު ހިތްވަރެކެވެ. މީގެ އިތުރުން، އަމިއްލަ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމްކޮށްދީ، މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަކީ މާލީ ދާއިރާ ހަމަބިމަށް އެޅުވުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެކެވެ. ރާއްޖޭގެ މުސްތަގުބަލު ބިނާވެފައި އޮތީ މިހާރު އަޅަމުންދާ އިގްތިސާދީ އިސްލާހީ ފިޔަވަޅުތަކުގެ މައްޗަށެވެ. ސަރުކާރުން ރާވާފައިވާ ފަދައިން ޚަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކުރެވިއްޖެނަމަ، ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖޭގެ ކްރެޑިޓް ރޭޓިންގް އަލުން މާ ބޮޑަށް ވެސް ރަނގަޅުވެގެންދާނެއެވެ. ޒަމާނީ ޓެކްނޮލޮޖީއާއި، އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތަކަށް އިންވެސްޓްކޮށް، އިގްތިސާދު ސިންދަފާތު ކުރުމަކީ މުސްތަގުބަލުގައި ރާއްޖެއަށް ލިބޭނެ އެންމެ ބޮޑު ރައްކާތެރިކަމެވެ.
ފިޗް ރޭޓިންގް މިހާރު ކައިވަތެއްހާ މިން ރަނގަޅުވި ނަމަވެސް އެއީ އިގްތިސާދީ ގޮތުން ލިބުނު އިންޒާރެކެވެ. ނަމަވެސް، މިއީ ހަރުދަނާ މާލީ ސިޔާސަތުތަކެއްގެ އެހީގައި ބަދަލުކުރެވިދާނެ ހާލަތެކެވެ. ދިވެހި ސަރުކާރާއި، މާލީ އިދާރާތަކާއި، ރައްޔިތުން ގުޅިގެން ކުރާ މަސައްކަތުން ރާއްޖޭގެ އިގްތިސާދު އަލުން އާރާސްތުވެ، ފާގަތި މުސްތަގުބަލެއް ފެނިގެންދާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.




