ކުލުނެއް ނެތް އެލޯބި- ފުރަތަމަ ބައި
އެއީ އޮފީހުގެ މަސައްކަތްތަކުގައި އޭނާ ވަރަށް ބޮޑަށް މަޝްޣޫލުވެގެން އުޅުނު ދުވަހެކެވެ. އުމުރުން 23 އަހަރުގެ ސާރާ، އެދުވަހުގެ ބުރަ މަސައްކަތްތައް ނިންމާލީ ވަރަށް ހީވާގިކަމާއެކުގައެވެ. އޭނާއަށް ފަހަތުން މައިޝާ ގޮވާލި އަޑު އިވުނެވެ..
މައިޝާ:” ސާރާ. ކޮބާ މިއަދުވެސް އަހަރެމެން އޮފީހަށް އައުމުގެ ކުރީން ހުރިހާ ކަމެއް ނިންމާލީތަ؟ ކޮންޕިޔުޓަރ ދޮށުގައި އިން ސާރާ ތެދުވެގެން ގޮސް ކޮފީމެޝިނުން ތިންކަޕް ކޮފީ ތައްޔާރުކޮށްލިއެވެ.
ތަބަކައް ލައިގެން އައިސް މައިޝާއަށް ދިއްކޮށްލިއެވެ.
މައިޝާ:” އެހެންވީމަ މި ކޮފީފޮދުން އަދި ބަނޑެއް ނުފުރޭނެ އެނގޭ. އޭނާ ހިނިގަނޑެއް ޖަހާލިއެވެ.
ސާރާ:” ހޫމް އެއްކަލަ މައި” ވަގުތު ޖެހުނީމަ ތި ބޭނުންވާ ސާފޮދުވެސް ބޯންދޭނަމޭ.
މި ވާހަކައާއެކު އެ ދެ އެކުވެރިން އެކުގައި ހީނގަތެވެ.
މައިޝާ:” ކޮބާ މަންމާއާ ކޮއްކޮ؟ މަންމަ ރަށުން އައިފަހުން ހާލު ރަނގަޅުތަ؟ އޭނާ ކޮފީއަށް ހަކުރުޕެކެޓް އަޅަމުން ހިނިތުންވިއެވެ.
ސާރާ:” އާނ. މަންމަމެންގެ ހާލު ރަނގަޅު. ކޮއްކޮ އޯލެވެލް އިމްތިހާނަށް މިކޮޅަށް އެއައީ، ދެން އެއްކަލަ ކަންތަވެސް އޮތީމައާ އެއްކޮށް،
މައިޝާ:” އަހަރެންނަށް އެނގޭ ކަމަކީ ސާރާ މަންމަ ރަށުގަ ހުއްޓަސް މިތާނގަ އުޅުނަސް އެކުރާ ހުނަރުވެރި މަސައްކަތާ ދުވަހަކުވެސް ދުރަށް ނުދާނެކަން.
ސާރާ:” އާނ. ތެދުވާހަކައެއް. މަންމަގެ ހިތްވަރުން އަހަރެންނާ ކޮއްކޮއަށް ވެސް މިހިސާބައް ހަޔާތަށް ގުޑުމެއް ނައިސް މި އުޅެވުނީ.
މައިޝާ:” އެހެންވީމަ ރަނގަޅުތާ، ސާރާ މަންމަ ބުރަމަސައްކަތް ކުރާނެކަން އަހަރެންނަށް އެ ފިހާރާގައި ހުރި މުދާތަކަށް ބަލާލިއަސް އެނގޭ.
މިހެން ބުނެ އޭނާ ހީނގަތެވެ.
މައިޝާ:” އަޅެ ބުނެބަލަ. އެއްކަލަ ކަންތައް ހަމަޖެހޭގޮތަށްތަ އޮތީ؟ މައިޝާ އައިސް މޭޒު ކައިރީގައި އިށީނދެ، ކޮފީ ތަށިން ކުޑަ އެތިފޮދެއް ބޯލަމުން ސުވާލުކުރިއެވެ.
ސާރާ:” ތިކަމާ އަހަރެން ކީކޭ ބުނާނީ. މަންމައަށް ވެސް އެމީހާ ވީތަނެއް އެނގިގެން ދޯ އެބުނާ ހުއްދައެއް މަށަށް ހޯދާދެވޭނީ. މައިއަށް އެނގޭތަ، އޭނާއަކަށް ނޭނގޭނެ އަހަރެން ފެނުނަސް މިހާރު، ސާރާ ދެރަވެގެން އިސްދަށަށް ޖަހާލެވުނެވެ.
މައިޝާ:” ދެރަނުވޭ ސާރާ. އިރާދަކުރެއްވިއްޔާ ގޮތެއް ހުހެއް ނުވާނެ. ސާރާގެ ލޮލުން ކަރުނަ ހިލުނެވެ.
ފަހަތުން އައި އާސިފު އޭނާ ލޯމަތީ އަތުން އަތްއަޅާލިއެވެ. ހިނިތުންވެފައި ސާރާ ބުނެލިއެވެ. ތީނަގެ ކޮފީކަޕް ހޫނުކަން ނުކެނޑިހުއްޓާ އާދެވިއްޖެދޯ؟ އޭނާ ފަހަތައް އެނބުރިލައި ހިނިތުންވިއެވެ.
އާސިފު:” ސާރާ، މި ކޮން ފެނެއް؟ އޭނާ އިނގިލިތަކުގައި ޖެހުނު ކަރުނައިގެ ތެތްކަން އާސިފަށް އޮޅުވައެއް ނުލެވޭނެއެވެ. ކަމޯން. އަނެއްކާ ވެސް ފިކުރު ބޮޑުކުރަނީތަ؟ އޭނާ އިތުރަށް ބުންޏެވެ. އޭނާ ކަންބޮޑުވިއެވެ.
ސާރާ:” ނޫނޭ. ދެން އެއީ އެހާ ވަރުގެ ކަމެއް ނޫނެއްނު.
އާސިފު:” މައި” މި ސާރާ ލޮލުން މި އޮހޮރުވާ ބޭކާރު ކަރުނަތައް ހުއްޓޭނެ ގޮތެއް އޮތިއްޔާ ހެޔޮނުވާނެ މަށަށް ބުނެދީބަލަ.
މައިޝާ:” ތީ އެއްވެސް ކަމެއް ނޫނެއްނު. އަވަހަށް ދެ ކުދިން ހަޔާތުގެ ގޮށްޖަހާލާ އާ ފެށުމަކުން ފަށަންވީ، ދެން ހަނީމޫނަށް ދެވުނީމަ ތިކަން ހަމަޖެހިދާނެ. މައި އެހެން ބުމުން ސާރާ މަޑުމޮޅި ހިނިތުންވިއެވެ. އޭނާ ކޮފީސިޕެއް ބޯލިއެވެ.
މައިޝާ:” އަހަރެން ވެސް މި ކިޔަނީ އަވަހަށް ސާފޮދު ދޭށޭ، މިހެން އަބަދު ކޮފީ ދިނަކަސް ނުވާނޭ. ތިން މީހުން ވެސް ހޭންފެށިއެވެ. އާސިފަށް ތައްޔާރުކޮށްދީފައި ހުރި ކޮފީކަޕުން އޭނާ ބުއެވެ.
އާސިފު:” އަޅެބުނެބަލަ. ސާރާ އަދިވެސް ކިޔާދޭން ބުނި ތި ވާހަކައެއް އަހަރެމެނަށް ވެސް ހިއްސާކޮށްލީމަތާ އެނގޭނީ ދޯ. އޭނާ ސާރާ އަތްތިލާގައި އަތްޖައްސާލިއެވެ.
މައިޝާ:” އެއީ ތެދެއް ސާރާ. ތި ވާހަކަ ކިޔާދީފަ ހިތަށް ލުޔެއް ގެނޭ. އަބަދު ހިތުތެރޭގަ ތިކަން ފޮރުވައިގެން ހިތްދަތި ކުރުމަކީ ބޭކާރުކަމެއް ދޯ. އާނ، އަދި ހަނދާން ނެތިފައޭ މިހުރީ. މިއަދު ބޮސްގެ ޚާއްސަ މެޙްމާނަކު ދުރުވާ ވާހަކަ ބުނުއްވި. އެބޭފުޅަކު ވަޑައިގަންނަވާތީ އޮފީހު ބައެއް މީހުން ލަންޗަށް ރަނގަޅު ކެއުމެއްވެސް އެބަ ތައްޔާރުކުރޭ.
އާސިފު:” އެހެންތަ؟ އެއީ ބޮސްގެ ތިމާގެ ބޭފުޅެއްތަ އަނެއްކާ؟
މައިޝާ:” ނޫނޭ. ކުރިންސުރެ ދަންނަ ރަހްމަތްތެރިއަކު ރާއްޖެ އަތުވެގެން ބައްދަލުވުމެއް ބާއްވަނީ.
ސާރާ:” އެހެންތަ؟ ނަސީބެއްދޯ އެހެންވީމަ އަހަރެންނަށް ވެސް މަސައްކަތް ކުރިއާ ލައިނިންމާ ލެވުނުކަން: އޭނާ ނޭފަތް ދަމާލިއެވެ. އޭނާ އާސިފަށް ބަލާލިއެވެ. ސާރާގެ ލޮލުން އެއްވެސް އުފާވެރިކަމެއް ނެތް ކަހަލައެވެ.
މައިޝާ:” ހޫމް. ތި ހުރިހާ ވާހަކައެއް ފަހުން ދައްކާނީ. އިހަށް ސާރާގެ ވާހަކަތައް އަހަރެން އަޑުއަހަން ބޭނުމީ. އޭނާ ސާރާއަށް ހިނިތުންވީ ވަރަށް ގާތް އެކުވެރި މަޑުމޮޅިގޮތަކަށެވެ. އާސިފު ހިތުގައި އޮތް އެއްޗެއް އަވަހަށް ބުނެލިއެވެ.
އާސިފު:” އާނ. އަހަރެމެން މެރީ ކޮށްގެންވެސް މަގޭ ބޭނުންވަނީ ސާރާ އަބަދުވެސް އުފަލުގަ ގެންގުޅެން. އިސްދަށަށް ޖައިގެން އިން ސާރާ އިސްއުފުލާލީ އޭނާ ހިތު ތެރޭގައި ގުޅަކެރުވިފައިވާ ވާހަކަތައް ނެރި ބުރުވާލުމަށް ހިތްވަރުކޮށްގެނެވެ.
ސާރާ :” އެންމެ ރަނގަޅު. އަހަރެން ހަޔާތުން ދުވަހަކުވެސް މި ވާހަކަތައް އެހެން މީހެއް ގާތުގަ ދައްކާފައެއް ނޯންނާނެ. އެކަމަކު އާނ، އަހަރެންނަށް ވެސް ހަމަޖެހުމެއް ލިބޭނީ މި އުދާސްތައް ހިތުތެރެއިން ބޭރުކޮށްލާގެން.
އޭނާގެ ދެ މިތުރުންނަށް ސާރާގެ މާޒީގައި އޭނާގެ ގަޑުބަޑުވި ޢާއިލާގެ ވާހަކަ ހިއްސާކުރިއެވެ. އޭނާ ހަނދާނުން ފޮހެލަން އުނދަގު އެތައް ސަފްހާތަކެއްގެ ވާހަކަތަކެވެ. މަންމައާއި ބައްޕާއާ ކޮއްކޮ އަދި އޭނާއަށް މާޒީ ކަންތައް ވީގޮތުގެ ވާހަކައެވެ. ސާރާގެ ހަޔާތުގައި ކަންތައް ވީގޮތް ދުރުހަނދާންތައް ޖަމާވެގެން އެކަތިގަނޑެއްހެން ސިކުނޑީގައި މަންޒަރު ސިފަވިއެވެ.
އެއީ ދަންވަރުވަގުތެކެވެ. ސާރާގެ މަންމަ ފަޒޫއަށް ހޭލެވުނީ ކުޑަ މަންޖެ ހާވެގެން ރޮރެގެންއަޑަށެވެ. ރަނގަޅެވެ. ތުއްތު ދަރިފުޅު ހާބަނޑާއޮވެ ރޯލާ އަޑު ވަގުތު ޖެހުމުގެ ކުރީން މައިމީހާއަށް އެކަން އެނގެން ޤުދްރަތީ އިންޒާރު އަންނާކަށް ލަހެއްފަހެއް ނުވޭއެވެ. އަވަހަށް ތުއްތުދަރިފުޅު ނަގައި ގާތުންދޭން ފެށިއެވެ. އޭނާ ނަފްސަށް ލިބުނު ހިތްހަމަ ޖެހުމާ ލޮލުގެ ފިނިކަމަކީ އަދު އޭނާގެ ކުޑަ ޝުހާ އާއި ދޮށީއަންހެން ދަރިފުޅު ސާރާއެވެ.
ގަޑިން ދެގަޑި ބައިވީއެވެ. އެމަންޖެ ބަނޑުފުރި ގައިގާ ވަރުޖެހޭވަރުވީމައި އަވަހަށް ކޮނޑުމަތީބާއްވައިގެން ވައިލައްވަން އޭނާ ނާނާ ކިޔަމުން ދެފަރާތައް ހިނގާލަ ހިނގާލައި އެއްވެސް ޝަކުވާއެއް ނެތި ނިދިނަގާލައިގެން ހުއްޓެވެ.
ގަދަ ނިދީގައި އޮތް ސާރާގެ ބައްޕަ ނަޝީދަށް ހޭލެވުނީ ކޮޓަރީގެ ބޮކިދިއްލައިގެން އޭނާ އުޅޭތީއެވެ. ރަނގަޅަށް ނިދިން ނުހޭލެވި އޮތް ނަޝީދު ބޯހޫރާލައި ފަޒުނާއާ ދިމާއަށް ނަޒަރު ހިންގާލިއެވެ.
ކޮޓަރި ތެރޭގައި ފިލައިން ޕާޓިޝަން ޖަހާފައި ހުންނަ އަނެއް ފަޅީގައި ސިންގަލް އެނދުގައި ނުނިދިފައި ދެފަރާތައް ފޮރޮޅިލާ ސާރާއޮތެވެ. މައިންބަފައިން ވާހަކަ ދައްކާ އަޑު ދުރުން ހޭލާއޮތް އެހެނަސް ލޯމަރައިގެން އޮތް ސާރާއަށް އިވި ހުރިހާކަމެއް ވާނުވާ އެނގެއެވެ.
ނަޝީދު:” އަދިވެސް އެމަންޖެ ނުނިދާތަ؟ ތިވަރަށް އެމަންޖެ ނުރޮއްވަބަލަ، އަހަރެންނަށް ނިދަން އުނދަގޫވޭ. ބައްޕަ އަޑުގައި ބަރު އަދި ނުރުންކަމެއް ހުއްޓެވެ.
ކޮނޑުމަތީ ކޮއްކޮ ބޯލައްކޮށްގެން ނާނާކިޔަން ހުރި ޒުވާން މަންމަ އެކުއްޖާ ކުޑައެނދުގައި ބާއްވައި ތުންނަގައި ޖެެއްސިއެވެ. އެމަންޖެއަށް އެ ލޮލުފިޔަ ޖަހާލެވުނީ ކިރިއާއެވެ.
ފަޒުނާ:” ނާދޫ. ނާދަށް ވެސް އެނގޭނެ ދޯ އަހަރެން ގަސްތުގައެއް ނޫންކަން އެ މަންޖެ ރޮއްވަނީ.
ނަޝީދު:” ހޫމް. ފަޒޫ ދެން ވާހަކަ ގިނަނުކޮށް ނިދަން އުޅޭ. އަަހަރެން ހެނދުނާ އޮފީހަށް ދާން ޖެހޭ.
އޭނާ އަނެއްފަރާތައް އެނބުރިފައި ބާލީސް ބޮލުގައި އަޅައި މޫނު ނިވާކޮށްލިއެވެ. ފުންނޭވާއެއްލީ ފިރިމީހާގެ އަޅާލުން ކުޑަކަން ހިތަށް އަރުވާފައެވެ. ދެރަވިމެ އެކަމަކު ބުރަކަމެއް ހިތުގައި ލޯބިވާ ފިރިމީހާއަށް ނެތެވެ. ޖެހިގެން ހުރި ޕާޓިޝަން އަނެއްފަޅީ ނުނިދިފައި އޮތް ސާރާގެ ހިތް ބާރަށް ތެޅެންފެށިއެވެ. މަންމައަށް އެވާ ގޮތްތަށް ރަޖާނިވަލުގައި އޮތް ސާރާއަށް ވިސްނުނެވެ.
ރޭ ދަންވަރު ފަޒޫ ހޭލިގޮތައް ފަތިސްވަންދެން އުޅުނީ އެކަމެއްކޮށް މިކަމެއް ކޮށް އަވަދިނެތި ފިރިމީހާ އޮފީހަށް ދިޔުމުގެ ކުރީން ސައި ތައްޔާރުކޮށް އަތްމަތި އަވަސްކޮށް މުރާލިކޮށްލާގެނެވެ. ވެފައި ހުރި ވަރުބަލިކަން އިޙްސާސް ދެނެގެންނާކަށް އޭނާގެ ނަފްސުތަންނުދޭއެވެ. އޭނާގެ ދެވަނަ ދަރިފުޅު ޝުހާ ދުނިޔެއަށް އުފަންވީއްސުރެ ފަޒުނާގެ ހާލަތަކީ މިއީއެވެ.
ދޮށްޓަށް ހުރި ސާރާ ސްކޫލަށް ފޮނުވުމުގެ ކުރީން ޔުނީފޯރމް އިސްތިރިކޮށްލެވުނީ ކިރިއާއެވެ. ގަޑިން ހެނދުނު 7ގަޑި ބައިވީއެވެ. އޭނާ ކޮޓަރީގެ ތެެރެއަށް ވަދެފައި ތުއްތުދަރިފުޅު ނެޕީބަދަލުކޮށްލައި ކުއްޖާ ނަގައި ގާތުންދޭން ގޮނޑީގައި ފޫޖައްސާލަން ތައްޔާރު ވެލީ އެ އޭނާއަށް ގޮވާލީއެވެ. ދެފަރާތައް ބޯތަޅުވާލިއެވެ.
ފަޒުނާ:” ނަދޫ. ތިވަރުގެ ކަމެއްވެސް އެކަނި ކޮށްނުލެވެނީތަ؟ ހިތްނުތަނަވަސް ވެފައި އިނަސް ފިރިމީހާއާ ވާހަކަ ދެއްކީ މަޑުމައިތިރިކޮށެވެ. މަންމަގެ އެ ކެތްތެރިކަމާ ބައްޕައަށްޓަކާ އެވާ ޤުރުބާނީއަކީ ސާރާ ދުވަހަކުވެސް ހަނދާން ނެތޭނެކަމެއް ނޫނެވެ.
ނަޝީދު:” އަވަސް ކޮށްބަލަ. އަހަރެން އޮފީހަށް ދާ ގަޑި ޖެހެނީ. ބައްޕަގެ އަޑު އިވުނީ ރުންކުރުގޮތަކަށެވެ. ކޮންމެ ދުވަހެއްގައި ސައިޖޯޑަށް ސައިފޮދު އަޅާލަން ފަޒޫގެ ދެއަތް ގުޑުވާނުލާފިއްޔާ ނަޝީދު އިންނާނީ އެދުވަހުގެ ނާސްތާ ލަސްވެފައެވެ. ދަރިފުޅު ކުޑަ އެނދުގައި ބާއްވައި އޭނާ އެކަންވެސް ފިރިމީހާއަށް ޓަކައި ކޮށްލިއެވެ. ނަޝީދު ތެޅެމުން އެ ދިޔައީއެވެ.
ފަޒޫއަށް ނުވަތަ ދެދަރިންނަށް ގުޑްބާއީ” އޭ ވެސް ބުނެނުލައެވެ. ދެން އޭނާގެ ޚަބަަރެއް ވާނީ އިރުއޮށްސޭ ފަހުނެވެ. އަދު އޭނާއަކީ ދަރިން ބަލަން ގޭގައި އިންނަ މަޔަކަށް ވިއަސް އެއްޒަމާނެއްގައި އޭނާއަކީ މީހުންގެ ތެރެއަށް ހެދުން ފަހަން މަޝްހޫރު ފަންނާނެކެވެ.
ނަޝީދުއާ ކައިވެނި ކުރި ފަހުން އޭނާގެ މަސައްކަތް އެއްފަރާތް ކޮށްލާފައި އައު ހަޔާތް ބާއްޖަވެރިކުރެވޭތޯ ހުރިހާ ވަގުތެއް އެވީ ލޯތްބައް ޓަކައި ޤުރުބާންކޮށްލިއެވެ. ކައިވެންޏަށް ތިން އަހަރުވީ ފަހުން ފުރަތަމަ އަންހެން ދަރިފުޅު ދުނިޔެއަށް ނޭވާލިއެވެ. ސާރާއަށް ކިރިޔާ ތަންދޮރުއެނގި ވާނުވާއެނގުނު ތަނާހެން ފަޒުނާ ދެވަނަ ފަހަރަށް ބަލިވެއިނެވެ. ދެވަނަ ދަރިފުޅު ލިބުމުންވެސް ނަޝީދަށް އުފާވެރިކަމެއް އައިހެނެއް ހިޔެއް ނުވޭއެވެ. އޭނާ އުފާވުމުގެ ބަދަލުގައި އެ އުޅުމާ ގުޅުމަށް އިތުރު ބަދަލުތަކެއް އައީ ކީއްވެކަމެއް ފަޒޫއަކަށް ވެސް ނޭނގެއެވެ. އެކަމެއްގެ ފަހަތުގައި ފޮރުވިފައި އޮތް ސިއްރެއް ދެެނެގެންނާކަށް ފަޒޫއަކަށް ނުވިސްނުނެވެ.
އެއްވެސް ޝަކުވާއެއް ނެތި އޭނާ ގޭގައި އިންނަނީ އަދު ދަރިންގެ ހައްޤުގައެވެ. އެރޭ އޭނާ ނަލަހެދިގެން ފިރިމީހާގެ އިންތިޒާރުގައި އޮތީ އޭނާއަށް ވެސް ފިރިއެއްގެ ފަރާތުން ލިބެންޖެހޭ އަޅާލުމާ ލޯބީގެ އިންތިޒާރުގައެވެ.
މަންމަގެ ހަރަކާތްތައް ހުންނަ ގޮތް ހަމަ އެކަނި ފާހަގަ ކުރެވެނީ ކުޑަ ސާރާއަށެވެ. އެރޭ ނަޝީދު ގެއަށް ވައިން ގޮތައް ލައިގެން ހުރި ގަމީސް ބާލައި ގުޅަކޮށްލައި ދޮރުއަރިމަތީ ހުރި ދޮންނަ ސާމާނު އަޅާ ވަށިގަނޑުތެރެއަށް ގުޅައަކަށް ޖަހާފައި އެވަނީ ފާޚާނާއަށެވެ. މިހާރަކަށް އައިސް ކުރިން ނުފެންނަ ކަމެއްމެ، މިއީ އޭނާގެ ހަރަކާތްތައް ހުންނަ ގޮތެކެވެ.
ރެއާދުވާލު ފަޒޫ ކުރީ ކީއްތޯވެސް އަހާނުލިތާނގައި ފަރުވާކުޑަކަމީ ދެ ކުދިން ކުރެ ކުއްޖެއް އޭނާއަށް ލިބުނު ހަނދާނެއް ހުރިހެނެއް ވެސް ހިޔެއް ނުއޭއެވެ. އޭނާ ފެންވަރައި ތާޒާވެގެން އައިސް އެ އޮށޯތީއެވެ. އަރިމަތީ އޮތް ފަޒޫގެ ލޮލުން ފޭބި ކަރުތައް އެސްފިޔަތަކަށް ގުޅަވިއެވެ. ނޭފަތް ދަމާލައި ވެއްޓުނު ކަރުނައެއް އެއީ އޮހޮރިގެން ގެއްލުނު އެއްޗެކެވެ. ހަމަޖެހޭގޮތް ދައްކައި އޭނާއާއި ދިމާއަށް އެނބުރިލައި ފިރިމީހާ ބޮލުގައި ލޯބިން ފިރުމާލިއެވެ.
ފަޒުނާ:” ނަދޫ، އޮފީސްކަންތައް ރަނގަޅުތަ؟ އޭނާ ލޮމަރައިގެން އޮވެފައި ފުންނޭވާއެއް ލިއެވެ.
ނަޝީދު:” ފަޒޫ. އަހަރެން ވަރަށް ބިޒީކޮށް އުޅެނީ. އަންނަ ހަފްތާގަ އެބަ ޖެހޭ މެލޭއަށް ފުރަން.
ފަޒުނާ:” އެއީ ކޮންކަމަކު؟ ހިތަށް ތަދުވިއަސް އެެކަން އޭނާ ހާމައެއް ނުކުރެއެވެ. އޭނާ އަޑުގައި ހުރީ މަޑުމޮޅިގޮތެކެވެ.
ނަޝީދު:” އެއީ ބޮސް ބުނުއްވައިގެން ޕްރޮޖެކްޓެއް ނިންމަން.” މިހެން އޭނާ އޮވެގެން އެކި ވާހަކަތައް ދެއްކިއިރު ވެސް އެންމެ ފަހަރަކުވެސް ދެދަރިންގެ ހާލު އަހާނުލައެވެ.
ފަޒުނާ:” އާނ. އެންމެ ރަނގަޅު، ފުރުމުގެ ކުރީން ހުރިހާ ކަމެއް ތައްޔާރުކޮށްދޭނަން. ފިރިމީހާ ވީމައި ލޯބިން މޭގައި ބޯއަޅައިގެން އޮތް ފަޒޫ އޭނާ މޭގައި ފިރުމާލީ ފިރިއަކަށް ބޭނުން ވެފައިވާލެއް ބޮޑުކަމުންނެވެ.
ނަޝީދު:” ބުނެފީމެއްނު އަހަރެން ވަރަށް ވަރުބަލިވެފައޭ މިއޮތީ. ފޫހިގޮތަކަށް ޗޮކެއް ކަނޑާލިއެވެ.
ހިތައް ކުރާ އަސަރުން އެ ހިތް ރޮއެހަޅޭއްކޭއްގެ އަޑު އިވޭނީ ފަޒޫ ކަންފަތައް އެކަންޏެވެ. އޭނާގެ ޒުވާން ނަފްސުހަމައަކަށް އަޅުވައި ކެތްތެރިވީ އަލަތުފިރިމީހާ ގާތުގައި އޮންނަން ވެސް ލަދުންނެވެ.
=ނުނިމޭ=
