ޓްރީޓޮޕް ހޮސްޕިޓަލްގެ ފާޓިލިޓީ ސެންޓަރާ އެކު، ރާއްޖޭގައި ފުރަތަމަ ފަހަރަށް އައިވީއެފް ހަދަން މިއަދު ފަށައިފި އެވެ.
މިލިއަނެއްހާ ޑޮލަރު (15.4 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ޓްރީޓޮޕްގައި ގާއިމުކުރި ފާޓިލިޓީ ސެންޓަރުން ރާއްޖޭގައި އައިވީއެފް ހިދުމަތް ދެނީ 46،000ރ. އަށެވެ. އިންޑިއާގެ ސައިމާ ސެންޓަރާ ގުޅިގެން ދޭން ފެށި ހިދުމަތުގައި އިސްކޮށް މަސައްކަތް ކުރައްވާނީ ރާއްޖޭގެ ފުރަތަމަ ފާޓިލިޓީ ސްޕެޝަލިސްޓް، ޑރ. ޒާކިޔާ އަހުމަދެވެ.
އެ ހިދުމަތް ފައްޓަވައިދެއްވީ، އެ ހޮސްޕިޓަލްގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
އެ މަނިކުފާނު ވަނީ، ގިނަ ދިވެހިންނަށް އުއްމީދެއް ގެނެސްދިން ހިދުމަތެއް ތައާރަފްކޮށްދިނީތީ ޓްރީޓޮޕް ހޮސްޕިޓަލަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ގޮތުގައި ރާއްޖެއިން ބޭރުން އައިވީއެފް ހަދަން 3-4 ލައްކައެއްހާ ރުފިޔާ ހަރަދުކުރާ ކަމަށެވެ. ރާއްޖޭގައި އެ ފަރުވާ ލިބޭ ނަމަ، ވަޒީފާ އަދާކުރަމުން އަދި އާއިލާ ކައިރީގައި ތިބެގެން އެ ހިދުމަތް ހޯދުމުގެ މަގު ފަހިވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ޓްރީޓޮޕް ހޮސްޕިޓަލްގެ ސީއޯއޯ އާދިލް މޫސާ ވިދާޅުވި ގޮތުގައި ފާޓިލިޓީ ސެންޓަރާއެކު މިއަދަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް އިންގިލާބީ ބޮޑު ބަދަލެއް އަންނާނެ ދުވަހެއް ކަމަށެވެ.

