މި ލިއުމުގައި އަޅުގަނޑު ބަލައިލާނީ އަލަށް ދުވަން ފަށާ މީހުންނަށް ގޯސްކޮށް ކުރެވޭ 3 ކަމަކާއި އެކަންކަމުގެ ޙައްލަށެވެ. ދުވުމަކީ އާދައަކަށް ހެދުމަކީ އަލަށް އެކަން ފަށާ މީހަކަށް ފަސޭހަކަމެއް ނޫނެވެ. ތަޖުރިބާކާރު ދުވުންތެރިންގެ ހިތުގައި ވެސް އެކަމާއިމެދު ބައެއްފަހަރު، ބައެއްކަހަލަ ސުވާލުތަކެއް އުފެދެއެވެ. ދުވަން އެންމެ ރަނގަޅުވާނީ ކޮން ބޫޓެއް ހެއްޔެވެ؟ ދުވަން ޚާއްޞަކޮށް ލާނީ ކޯޗެއް ހެއްޔެވެ؟ ގިނައިރު ބާރަށް ނުދުވެވެނީ ކީއްވެ ހެއްޔެވެ؟
އެހެން ކަންކަމެކޭ އެއްފަދައިން ތިބާގެ ދުވުމުގެ ތަޖުރިބާވެސް އިތުރުވެގެން ދާނީ ކުށްތަކެއް ކުރެވި އެކަންކަމުން ފިލާވަޅު ލިބިގަނެގެންނެވެ. ދުވުމުގައި ހެދޭ ބައެއް ގޯސްތަކުން ހަށިގަނޑަށް ގެއްލުންތަކެއް ލިބިދާނެއެވެ. މިފަދަ ގެއްލުންތަކަކީ ބައެއްފަހަރު ބޭރަށް ފެންނަން ހުންނަ ގެއްލުންތަކެކެވެ. އަދި އަނެއްގައި ފަހަރު މިފަދަ ގެއްލުންތައް ފެންނަން ނުހުރެދާނެއެވެ.
ދުވުމުގައި ޢާއްމުކޮށް ހެދޭ ގޯސްތަކުގެ ތެރޭގައި ގިނަ ޢަދަދެއްގެ ތަޖުރިބާކާރުން ތަކުރާރު ކުރައްވާ 3 ކަމެއް ފާހަގަ ކޮށްލާނަމެވެ.
ނުރައްކާތެރި “މާ” ތައް: މާ ގިނައިން، މާ ބާރަށް، މާ އަވަހަށް
އަލަށް ފަށައިގަންނަ ދުވުންތެރިން ޢާއްމުގޮތެއްގައި ދުވަނީ މާ ބާރަށެވެ. އެހެން ކަމުން އެފަދަ ފަރާތްތަކަށް އެ ބާރުމިނުގައި މާގިނައިރު ހިފަހައްޓާލެވޭ ގޮތެއް ނުވެއެވެ. މިކަމަށް ކޯޗުން ދެއްވާ އިރުޝާދަކީ، މަޑުމަޑުން ފަށާށެވެ. އަދި ހަށިގަނޑު އެކަމަށް ހޭނެން ވަގުތު ދޭށެވެ. ދުވަމުންދާއިރު އަބަދުވެސް އަދި މިއަށްވުރެ ބާރަށްވެސް ދުވެވިދާނޭކަމުގެ ޔަޤީންކަން ތިބާއަށް އޮންނަ މިންގަޑެއްގައި ދުވާށެވެ. ހަށިގަނޑަށް ނުއުފުލޭވަރުގެ ބުރައެއް ކަމުގައި ދުވުން ވެގެން ނުވާނެއެވެ.
އެންމެ އެކަށޭނަ ބޫޓާއި، ހެދުން ބޭނުން ކުރުން
ދުވުމަށް ޚާއްޞަކުރެވިފައި ހުންނަ ބޫޓާއި ހެދުން ބޭނުންކުރުމަކީ ހަމަ ޙަޤީޤަތުގައިވެސް ތަފާތެއް ގެނުވާނެ ކަމެކެވެ. ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ޚާއްޞަ ބޫޓަކަށް އެރުމަކީ ދުވުމުގެ ސަބަބުން ފަޔަށާއި ކުޑަހުޅަށް ލިބިދާނޭ ގެއްލުންތައް ވަރަށް ބޮޑަށް ކުޑަކޮށްދޭ ކަމެކެވެ. ދުވަމުންދާއިރު ބޫޓުގެ ސަބަބުން ތިބާގެ ފަޔަށް އަރާމު އިޙްސާސްވާނަމަ ތިޔަ ބޭނުންކުރެވެނީ ރަނގަޅު ބޫޓެކެވެ. މާބާރު ބޫޓަކަށް އެރުމަކީވެސް ރަނގަޅުކަމެއް ނޫނެވެ.
އެކަށީގެން ނުވާ ފޮއްޗެއްގެ އެކަށީގެންނުވާ ހެދުމެއް ބޭނުން ކުރުމަކީ ވެސް މައްސަލަތަކެއް ދިމާވާނެ ކަމެކެވެ. ހޫނުކަން އުފެދުމާއި ދާހިއްލާ މިންވަރުގެ ސަބަބުން އަދި ވަކިން ޚާއްޞަ ގޮތެއްގައި ހެދުން ފަހާފައިވާ ފޮއްޗެއްގެ ސަބަބުން ގައިގެ ހަންގަނޑަށް ގެއްލުންތަކެއް ލިބިދާނެއެވެ. ކޮޓްން ފޮތި ބޭނުން ކުރުމުން ދުރިހެލި ވުމަށާއި، ލުއި ހެދުމެއް އިޚްތިޔާރު ކުރުމަށްވެސް ތަޖުރިބާކާރުން އިރުޝާދު ދެއްވައެވެ.
ތާވަލުން ދުވަހެއް ގެއްލުން
އެންމެ މުހިއްމު އެއްކަމަކީ، އެންމެ ދުވަހެއްވެސް މެދުކަނޑާ ނުލައި ތާވަލާއި އެއްގޮތަށް މިކަން ކުރިއަށް ގެންދިއުމެވެ. ދުވުން ކުރިއަށް ގެންދާނީ ހަފުތާއަކު ކިތައް ދުވަހުތޯ ކަނޑައެޅޭނީ އެމީހަކު ޙާޞިލް ކުރަން ބޭނުންވާ ލަނޑުދަނޑި ތަކަށް ބެލުމަށް ފަހުގައެވެ. އެހެނަސް މިކަމަކީ އާދަވެ ކުރާކަމެއް ކަމުގެ އިޙުސާސް ތިބާގެ ހަށިގަނޑަށް ކުރެވޭވަރަށް ދުވަން ވާނެއެވެ. އަލަށް ފަށާ މީހަކު ދެދުވަހުން އެއްދުވަހު ދުވުމަކީ ހަމަ ވަރަށް ރަނގަޅު މިންވަރެއް ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ. އަދި ދުވުން މެދުކަނޑާލާފައި ހަފުތާއެއްހާ ދުވަސް ނުކުރުމަށް ވެސް އިރުޝާދު ދެއްވައެވެ. އެހެން ވެއްޖެ ނަމަ އެމީހެއްގެ ޙާލަތު، ހަމަ އަލަށް ދުވަން ފަށާމީހެއްގެ ޙަލަތާއި އެއްފަދަ ވެދާނެކަމަށް އެފަރާތްތަކުން ވިދާޅުވެއެވެ.

