އިންސާނާ ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށްޓަކައި ހަމަ ނިދި ހޯދުމަކީ ކިހާ މުހިއްމު ކަމެއް ހެއްޔެވެ؟
އިންސާނަކަށް ކޮންމެ ރެޔަކު މަދުވެގެން އަށް ގަޑިއިރުގެ ނިދި ބޭނުންވެ އެވެ. ނިދުމަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު އެކަމަކަށް އެންމެ ބޮޑަށް ބަރޯސާވާ އެއް ކަމެވެ. އެހާވެސް ނިންޖަކީ ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް މުހިއްމު އެއްޗެކެވެ.
ދުވާލު ވަޒީފާގައި ނުވަތަ ކިޔެވުމުގައި ނުވަތަ އެނޫންވެސް ކަންކަމުގައި މަޝްޢޫލުވެގެން އުޅުމަށްފަހު ހަށިގަނޑަށް ދޭން ޖެހޭ އަރާމު ދެނީ އަޅުގަނޑުމެން ތެރެއިން ކިތައް މީހުންތޯ އެވެ؟ ދިވެހިންގެ ތެރެއިން ގިނަ މީހުންނަކީ ފަތިހަށް ނިދަން އަރާ އަދި ހަވީރަށް ހޭލަން އާދަވެފައިތިބޭ މީހުންނެވެ.
ނިދަން އުނދަގޫވެ، ހަމަ ނިދި ނުލިބޭ ނަމަ ހިތުގެ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑު ކަމަށް ދިރާސާތަކުން ދައްކަ އެވެ. މަޝްހޫރު ހާވާޑް ޔުނިވާސިޓީގެ ޕްރޮފެސަރުންގެ ބަޔަކު ހެދި ދިރާސާއަކުން ދައްކާގޮތުން ރޭގަނޑުގެ ހަމަނިދި ނުލިބި ދުވާލުގެ މަސައްކަތައް ބުރޫއަރާ މީހުންނަށް ހިތުގެ އެކި މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު 13 ޕަސެންޓް ބޮޑެވެ.
އަދި ނިދަން އުނދަގޫވެ، ނުނިދި އެތައް އިރެއް ވަންދެން އޮންނަން ޖެހޭ މީހުންނަށް ކުއްލިއަކަށް ސްޓްރޯކާއި ހާޓްއެޓޭކް ޖެހުމުގެ ފުރުސަތު 9 ޕަސަންޓަށް އިތުރުވާ އިރު، ނިދާއިރަށް ހޭލެވޭ މީހުންނަށް ސްޓްރޯކާއި ހާޓްއެޓޭކް ޖެހުމުގެ ފުރުސަތު 7 ޕަސެންޓަށް އިތުރެވެ. ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި މިފަދަ މައްސަލަތައް ކުރިމަތުވުމުގެ ފުރުސަތު ބޮޑީ ޒުވާނުންނާއި ލޭގެ ހައި ބްލަޑް ޕްރެޝަރު ނުވަތަ ހައިޕަޓެންޝަން ހުންނަ މީހުންގެ މެދުގަ އެވެ.
މީގެ ކުރިން ހަދާފައިވާ ބައެއް ދިރާސާތަކުން ވެސް ދައްކާ ގޮތުގައި ހަމަނިދި ނުލިބޭ މީހުންގެ ހޯމޯން ފަންކްޝްތަކަށް ގުޑުން އަރުވާލައި، އިންފްލެމޭޓަރީ ޕްރެސޮސެސް މަތިވެ މީހާގެ މެޓަބޮލިޒަމަށް ބުރޫއަރުވައިލަ އެވެ. މީގެ ނަތީޖާއެއްގެ ގޮތުން ބަރުދަން އިތުރުވެ ހަކުރު ބައްޔާއި އެފަދަ އެހެނިހެން ބަލިތަކަށް މީހާ ހުށަހެޅިގެންދެއެވެ.

